އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑްގެ 51 ބޭފުޅަކު ކޮވިޑް ވެކްސިން ޖައްސަވައިފި
އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑްގެ 51 ބޭފުޅަކު ކޮވިޑްޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ނަންގަވައިފިއެވެ.
ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ނުވަތަ ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް އުފައްދަވާފައިވާ މުއައްސަސާގެ މިބޭފުޅުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވާފައިވާއިރު ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް ތަރުތީބުވެ ކުރިއަށްދަނީ ވަރަށް ރަނގަޅަށްކަމުގައި ޑަބްލިޔު އެޗްއޯއިންވެސް ވަނީ ހާމަކޮށްފައެވެ. އަދި އެކަމަށް ތައުރީފްވެސް ކޮށްފައިވެއެވެ.
ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު އިއްޔެގެ ނިޔަލަށްވަނީ 3204އަށް އަރާފަ އެވެ. އެއީ މާލެއިން 2786 މީހަކަށާއި އަތޮޅުތެރެއިން 418 މީހަކަށެވެ.
މާލޭގައި ހަ ވެކްސިނޭޝަން ސެންޓަރު ހުންނަ އިރު އަތޮޅު ތެރޭގައި މިވަގުތު ހުރީ ހަތަރު ވެކްސިނޭޝަން ސެންޓަރެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ.
އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.



