ތޮއްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި
މާލެއިން ތޮއްޑުއަށް އައި މީހަކު ޕޮޒިޓިވް ވުމާއި، ގުޅިގެން އއ. ތޮއްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ރަށް މޮނިޓަރިންއަށް ލީ އިއްޔެ އެ ރަށުން މާލެ އައި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާތީ ކަމަށެވެ. މިހާރު އެ ރަށުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތޮއްޑުގެ އިތުރުން މާލެ އައި މީހަކު ޕޮސިޓިވް ވެގެން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މ. ކޮޅުފުށިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެޗްއީއޯސީން އެ ކޭސްއާއި ގުޅިގެން އެ ރަށުން ނެގި 105 ރެންޑަމް ސާމްޕަލްގެ ތެރެއިން ނުވަ ސާމްޕަލް ޕޮސިޓިވްވެފައިވާ ކަމަށެވެ.
މި ދެރަށުގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތީ ގއ. ދެއްވަދޫ އާއި ދާންދޫ އެވެ. އެ ދެ ރަށުގައި ޕޮސިޓިވްވެފައިވާ މީހުން ހިމެނޭ ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 83 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
އަތޮޅުތެރޭގައި މިވަގުތު 121 އެކްޓިވް ކޭސް އެބަހުއްޓެވެ.
