ޚަބަރު އެމެރިކާގެ އައު ރައީސް ބައިޑަން ހުވާކުރައްވައިފި

އެމެރިކާގެ އައު ރައީސް ބައިޑަން ހުވާކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ 46 ވަނަ ރައީސް  ޖޯ ބައިޑަން މަޤާމުގެ ހުވައި މިރޭ ކުރައްވައިފިއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ކެޕިޓަލްގައި ބޭއްވި ހުވާކުރުމުގެ ޚާއްޞަ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ އޮބާމާ އާއި، ކްލިންޓަން ފަދަ ބޭބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.  

އެމެރިކާގެ މިދިޔަ ދައުރުގެ ރައީސް ޑޮނަލްޑް ޓްރަންޕް ރިޔާސީ އިންތިޚާބުގައި ބޮޑުތަފާތަކުން ބަލިކުރައްވާފައިވާއިރު މިރަސްމިއްޔާތުގައި ޓްރަންޕް ބައިވެރިވެ ވަޑައިނުގަންނަވައެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފައިވާ ބައިޑަން ވަނީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާ ޖުލްމަ 306 އިލެކްޓޯރަލް ވޯޓު ހޯއްދަވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ.

ޢާންމުންގެ މަގުބޫލު ވޯޓަށް ބަލައިއިރު ބައިޑަންއަށްވަނީ 81 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް މިހާތަނަށް ލިބިވަޑައިގެންފައިވާ އެންމެ ގިނަ ވޯޓުގެ ޢަދަދެވެ.

ނޮވެމްބަރު މަހުގެ އިންތިޚާބުގައި ބައިޑަންވަނީ އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގެ އަޣުލަބިއްޔަތުވެސް ހޯއްދަވާފައެވެ. އެގޮތުން ޕެންސިލްވޭނިއާ، ވިސްކޮންސިން އަދި މިޝިގަން ސްޓޭޓުވެސް ކާމިޔާބުކުރައްވާފައިވަނީ ބައިޑަންއެވެ. އޭގެ އިތުރުން ފާއިތުވި 20 އަހަރު ދުވަހު ރިޕަބްލިކަން ޕާޓީން ކާމިޔާބު ކުރަމުންދިޔަ އެރިޒޯނާއާއި ޖޯޖިއާގެ އަޣުލަބިއްޔަތުވެސް ހޯއްދެވީ ބައިޑަންއެވެ.

އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑަންއަކީ އެމެރިކާގެ ރައީސްކަމާ މިހާތަނަށް ޙަވާލުވެވަޑައިގަންނަވާ ޢުމުރުން އެންމެ ދޮށީ ބޭފުޅާއެވެ.

އެމަނިކުފާނު މީގެ ކުރިންވަނީ ގިނަ އަހަރުތަކެއްވަންދެން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. 1973ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާ ހަމައަށް އެމަނިކުފާނުވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ މެންބަރުކަން ކުރައްވާފައެވެ. މީގެ ކުރިން، ފާއިތުވި 30 އަހަރުދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަންވަނީ ވާދަކުރައްވާފައެވެ.

ޓެގް

ޖޯބައިޑަން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.