އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޤައުމަކަށް އެމެރިކާވެ އަދި ރައީސް ޓްރަމްޕްވެސް ކޮވިޑަށް ޕޮޒިޓިވް ވެދާނެކަމުގެ ބިރުހީވެ އޭނާގެ ދެވަނަ ޓެސްޓެއް ކޮވިޑް-19 އަށް ކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ބުނެފައިވަނީ އޭނާ ކޮވިޑް-19 އަށް ޓެސްޓު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ އެ ބައްޔަށް ފުރަތަމަ ޓެސްޓު ކުރިތާ މާގިނަ ދުވަހެއް ނުވަނީސް އަނެއްކާވެސް މި ވައިރަސް ޖެހިފައިވޭތޯ ބެލުމަށް ޓެސްޓެއް ހަދައި އެޓެސްޓްގެ ނަތީޖަވެސް ވަނީ ނެގެޓިވް ވެފައެވެ.
ޓްރަމްޕް ކޮވިޑް-19 ގެ ދެވަނަ ޓެސްޓެއް ހަދާފައިވާކަން ވައިޓް ހައުސް އިން ނޫސްތަކަށް ކަށަވަރުކޮށްދީފައި ވާއިރު، ވައިޓް ހައުސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެވަނަ ފަހަރަށް ހެދި ޓެސްޓުންވެސް ޓްރަމްޕް ކޮވިޑް-19 އަށް ނެގެޓިވް ކަމަށެވެ.
އެންމެ ފުރަތަމަ ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ، ބްރެޒިލްގެ ރައީސް، ޓްރަމްޕްގެ އަރިހަށް ޒިޔާރަތްކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެންނެވެ. މީގެއިތުރުން އެމެރިކާގައި މި ވައިރަސް އަށް ފައްސިވި އޮފިޝަލަކާއި އޭނާ ސަލާމްކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.
ކޮވިޑް-19 އަށް ޓްރަމްޕް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައިވާއިރު، އެމެރިކާ އަކީ ދުނިޔެއިން މި ވައިރަސް ފެނިފައިވާ 204 ޤައުމުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައިވާ ޤައުމެވެ.
މިހާތަނަށް އެޤައުމުން ޖުމްލަ 240593 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން ޖުމްލަ 5810 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުން މި ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 10400 މީހުންނެވެ.
އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު ފަހަކަށް އައިސް ދަނީ އާދަޔާއި ޚިލާފަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް އެޤައުމުން 25500 އަށްވުރެ ގިނަ މީހުން މި ވައިރަސް އަށް ފައްސިވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...