2020 ވަނައަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކޮށްފި
2020 ވަނައަހަރަށް ސަރުކާރުން ލަފާކޮށް ހުށަހެޅި ބަޖެޓް ރައްޔިތުންގެ މަޖްލީހުން ފާސްކޮފިއެވެ. ބަޖެޓް ފާސްކުރީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ 366 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްފަހުއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް ރޭ އިތުރުކުރި 366 މިލިއަން ރުފިޔާ އާއެކު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު 37.8 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ޖަލްސާގައި ބަޖެޓަށް އިތުރުކުރި އަދަދު ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އިތުރުކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.
މި އަހަރުގެ ބަޖެޓު 5.6 ބިލިއަން ރުފިޔާ ޑެފިސިޓްވާ އިރު، އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ޚަރަދެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައިވަނީ ޓެކްސްގެ ގޮތުގައި 17.8 ބިލިއަން ރުފިޔާއާއި އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާއެވެ.

