ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަސްދީޤު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 65 ވަނަ ޖަލްސާއިން ފާސްކުރި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދިޤުކުރައްވައިފިއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މިޤާނޫނުގެދަށުން ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް ބަލައި ކުރިއަށްގެންދަންޖެހޭނީ އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅާ އުސޫލަކުންނެވެ. އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިވާފަދަ ނިޒާމެއް އުފައްދަންޖެހެއެވެ.
މިއަދު ތަސްދީޤުކުރެއްވި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާއި، އެކުދިންނާ މަތިވެފައިވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އެންމެހައި ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ މިދެޤާނޫނު ތަޞްދީޤު ކުރެއްވުމުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި ވަނީ ޝާޢިޢުކުރައްވާފައެވެ.


