މަނަދޫ ޓްރޮޕިކަލް ވިލެޖް ހުޅުވައިފި
ނ.މަނަދޫގެ އެންމެ ގިނަ ދުވަސްވީ ޖަމުޢިއްޔާ ކަމުގައިވާ މަނަދޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން ތަރައްޤީ ކުރި މަނަދޫ ޓްރޮޕިކަލް ވިލެޖް އިއްޔެ ހުޅުވައިފިއެވެ. ވިލެޖް ހުޅުވުމަށްޓަކައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި ވިލެޖް ހުޅުއްވައިދެއްވީ ސޮނޭވާ ޖާނީގެ އައިލެންޑް ރޭންޖަރސް މެނޭޖަރ އަޙްމަދު ޝިފާޢު އެވެ.
މިވިލެޖަކީ މަނަދޫ ޒުވާނުންގެ ގުޅުމުން އިސްނަގައިގެން މަނަދޫގެ ޒުވާނުންގެ މެންބަރުންނާއި، މަނަދޫގެ ދީލަތި ވިޔަފާރިވެރިންނާއި، މަނަދޫގެ ހުނަރުވެރި މަސައްކަތްތެރިންނާއި، އެކި ދާއިރާތަކުގެ އެކި އުމުރުފުރާގެ ރައްޔިތުން ޝާމިލްވާ ގޮތަށް މިހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ތަރައްޤީކުރެވެނު ވިލެޖެކެވެ.

ޖުމްލަ 3 މަސްދުވަހުގެ މަސައްކަތުން ވިލެޖްގެ ހުރިހާ ކަމެއް ނިމުނުއިރު މިތަނުން ތަފާތު އެކި ޚިދުމަތްތައް ލިބެން ހުރެއެވެ. އޭގެތެރޭގައި ބާބެކިއު ޕޮއިންޓަކާއި، ވިލެޖްގެ ދެފަރާތުގައި ކެއްކޭނެ އިންތިޒާމާއި، އާއިލާއާއިއެކު ޕިކްނިކް އައިސް ތިބޭނެ ޖޯލިފަތިތަކާއި، ސަންބެޑާއި، މޭޒުތަކުގެ އިތުރުން ހިތްގައިމު ހެމޮކަކާއި ހަޓެއް ބެހެއްޓިފައިވެއެވެ.

މިރަސްމިއްޔާތުގައި މަނަދޫ އެކުވެރި ކުލަބުގެ ކަބަލުންގެ ފުރިހަމަ ހަރަކާތްތަކާއި މަނަދޫގެ ވޯޓަރ ސްޕޯރޓްސްގެ ހުނަރުވެރި ޒުވާނުން ކަމުގައިވާ “މޫދު ތެލަނގަ” އިގެ މޫދުކުޅިވަރުތައް ވަނީ ދައްކާލައިފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި މަނަދޫ ޓްރޮޕިކަލް ވިލެޖްވަނީ ރަސްމީކޮށް ނ.މަނަދޫ ކައުންސިލާއި ހަވާލުކުރެވިފައެވެ.

ވިލެޖް ރަސްމީކޮށް ކައުންސިލާއި ޙަވާލުކޮށްދެއްވީ މަނަދޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަޙްމަދު ޝަމީމް އެވެ.

ސާބަހޭ މަނަދޫ ކުދިން ރަށުވަންތަ ލޯބީގައި ކުރާ ކަންކަން އެންމެ ރަނގަޅި ހަމަ މަނަދޫގައި