ޚަބަރު މިލަދެކުނު އަދަބީ ޢީދުގެ ޙަރަކާތްތައް ރޭ ފަށައިފި

މިލަދެކުނު އަދަބީ ޢީދުގެ ޙަރަކާތްތައް ރޭ ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގައުމީ ފެންވަރުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ އީދުގެ މިއަހަރުގެ ޙަރަކާތްތައް ރޭ ފަށައިފިއެވެ.  މިފަހަރު ޤައުމީ އަދަބީ ޢީދު ބާއްވަމުން ގެންދަވަނީ “މިލަދެކުނު އަދަބީ ޢީދު” ގެ ނަމުގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައެވެ.

އަދަބީ އީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި އެ ކަންކަމަށް އޮންނަ ޝައުގާއި ލޯބި އިތުރުކުރުމުގެ މަގުސަދުގައި އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ހަރަކާތެކެވެ. މިއީ އަތޮޅުގެ ހުރިހައި ރަށެއްގެ ސްކޫލުތަކުގެ ދަރިވަރުން ބައިވަރިވާ ގޮތަށް ހަމަޖައްސާފައިވާ ގައުމީ ހަރަކާތެއް ކަމުގައި އެކެޑަމީން މައުލުމާތުދެއެވެ.

އަދަބީ އީދުގައި ދަރިވަރުންނަށާއި އާންމު ފަރާތްތަކަށް އަދަބީ އެކިއެކި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރަށް، ޅެން ހަދަން ދަސްކޮށްދިނުމާއި ވާހަކަދެއްކުންތެރިކަން ދަސްކޮށް ދިނުމާއި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް ދިނުން ފަދަ ހަރަކާތްތަކާއި ކުރު މުއްދަތުގެ ކޯސްތައް އެކެޑަމީން ކުރިއަށް ގެންދެއެވެ.

ވާދަވެރިކޮށް ކުރިއަށްގެންދާ މުބާރާތްތަކުގެ ތެރޭގައި އައު ލަފުޒު މުބާރާތާއި ރައިވަރު ކިޔުމާއި ޅެން ހުށަހެޅުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި ވާހަކަ ހުށަހެޅުން ފަދަ އަދަބީ މުބާރާތްތައް ހިމެނެއެވެ.

މިފަދަ އީދުތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އަދަބީ އަދި ގައުމީ ރޫހު އާލާވުމާއި އެކުވެރިކަން އާލާވުން ފަދަ އިޖުތިމާއީ ރަނގަޅު އާދަތަކާއި އަދަބުތައް ދަސްވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެއެވެ.

ރޭ މަނަދޫގައި އަދަބީ ޢީދުގެ ރަސްމިއްޔާތުތައް ފެށިފައިވާއިރު އެ ރަސްމިއްޔާތުގައި ނ.އަތޮޅުގެ ސްކޫލްތަކުގެ އިސްވެރިންނާއި، ބެލެނިވެރިންގެ އިތުރުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސާއި، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ ކުރިން ވެސް ދިވެހިބަހުގެ އެކެޑަމީން ވަނީ އަދަބީ އީދު އެކިއެކި އަތޮޅުތަކުގައި ބާއްވައިފައެވެ. އެގޮތުން ހުވަދޫ އަދަބީ އީދުގެ ނަމުގައި 2014 ވަނަ އަހަރު ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި އަދަބީ އީދެއް ބާއްވާފައިވެއެވެ. 2015 ވަނަ އަހަރު ހުވަދު އަތޮޅު އުތުރުބުރީ ތިނަދޫގައި ވެސް އަދަބީ އީދެއް ބާއްވާފައިވެއެވެ. 2016 ވަނަ އަހަރު އަދަބީ އީދު ބާއްވާފައިވަނީ ފާދިއްޕޮޅު ނައިފަރުގައެވެ. 2017 ވަނަ އަހަރު އަދަބީ އީދު ބާއްވާފައިވަނީ މުލަކަތޮޅު އަދަބީ އީދުގެ ނަމުގައި މުލަކަތޮޅު މުލީގައެވެ. މީގެ އިތުރަށް ފާއިތުވި ދެ އަހަރު އޮޅުދޫކަރައިގެ ވެރިރަށް ކޮޅުނބުގައި ވެސް ވަނީ އަދަބީ އީދުގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް އެތާނގައި ހުންނަ ދިވެހި ސަގާފީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވައިފައެވެ.

ޓެގް

އަދަބީޢީދު ދިވެހިބަހުގެއެކަޑަމީ މަނަދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.