ޖެނުއަރީ 1 ން ފެށިގެން މާލެ-ހުޅުލެ-ހުޅުމާލެ ބަސް ދަތުރުތަކަށް ފީނަގަނީ
ކޮޅަކަށް ނަގާނީ އެންމެ 10 ރުފިޔާ
އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަހުގެ ޚިދުމަތުން އަގު ނެގުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ހާމަކޮށްފިއެވެ.
ބަހުގެ ޚިދުމަތަށް އަގު ނެގުމަށް ސަރުކާރުން ނިންމިކަމުގައިވިޔަސް ކޮޅަކަށް ނަގާނީ އެންމެ 10 ރުފިޔާކަމަށްވެސް ޕޯސްޓް ލިމިޓެޑުންބުނެއެވެ. އަދި ހަމަޖެހިފައިވަނީ އެމްޕީއެލްއިން އެކަމަށްޓަކައި ކަނޑައަޅާފައިވާ “ޓަޗްލިންކް” ކާޑު މެދުވެރިކޮށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މާދަމާއިން ފެށިގެން މާލެ ބަސް ޓަރމިނަލުންނާއި، ހުޅުމާލޭގެ މައި ބަސް ސްޓޮޕް ކަމަށްވާ N1 ގެ ދެވަނަ ބަސް ސްޓޮޕުން އެ ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. މި ކާޑު ވިއްކުމަށް ހަމަޖެހިފައިވަނީ 20 ރުފިޔާއަށް ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.
“މިހާރު ސަރުކާރުން ހުއްދަދެއްވާފައި އޮތީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަހުގެ ޚިދުމަތުން ކޮންމެވެސް ވަރެއްގެ ޗާޖެއް ނަގަން. އެގޮތަށް އަގެއް ނެގިޔަސް، އެނަގާ އެއްޗަކުން ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ކުރާ ޚަރަދު ދެކޮޅެއް ނުޖެހޭނެ. އޭގައި އެބަހުރި ކުރެވޭނެ ކަންތައްތަކެއް ޚަރަދު ދެކޮޅު ޖައްސަން. އެކަމުގައި ސަރުކާރާ ވާހަކަދައްކައިގެން ލުއި ގޮތްތަކެއް ފަހިކޮށްފިނަމަ މިކަން ކުރެވޭނެ” އެމް.ޕީ.އެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު އަލީ ވިދާޅުވިއެވެ.
އެމްޕީއެލްއާއި އެމްޓީސީސީން މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދިނުމުގެ ބަދަލުގައި، އެންމެ ފައިދާވާނީ ކޮންމެވެސް އެއް ކުންފުންޏަކުން ބަހުގެ ޚިދުމަތް ދިނުމުންކަމަށާއި، އަދި އެކަމާ ގުޅިގެން ކޮންމެވެސް ވަރެއްގެ މަޝްވަރާތަކެއް ކުރިއަށްދިޔަކަމާއި، އެކަމުގެ ފަހު ގޮތް ނިންމާނީ ސަރުކާރުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހުކަމަށް ޝާހިދު ވިދާޅުވިއެވެ.
މާލެއާއި ހުޅުލެ އަދި ހުޅުމާލެއަށް އެމްޕީއެލުން ދެމުންގެންދާ ބަހުގެ ޚިދުމަތުން އަގު ނަގަން ފަށާފައިވާއިރު، އެމްޕީއެލުން މިޚިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުން ފެށިގެނެވެ. އޭރުންފެށިގެން މިޚިދުމަތްދެނީ އެއްވެސް އަގެއް ނުނަގައެވެ.

