ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، ލ. ގަމުގައި ބޭރުގެ ލޯނު އެހީގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލްގެ ޕްރޮސީޖަރ ދިގުލައިގެންދާތީ، މައްސަލައިގެ ހައްސާސްކަމަށް ބަލައި މާލެ ސަރަހައްދުގައި މި ފެސިލިޓީ އަޅަން ނިންމެވީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އަދި ލޯނު ހަމަޖެހުމުން ގަމުގެ މަޝްރޫޢުވެސް ކުރިއަށްދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން އިތުރުވަމުން އަންނައިރު، އާސަންދައިގެ ދަށުން މި އަހަރުގެ ޖަނަވަރީން އޭޕްރީލް މަހުގެ ނިޔަލަށް 10,954 މީހަކަށް ވަނީ ސައިކޭޓްރިކް ކޮންސަލްޓޭޝަނާއި ތެރަޕީގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
މި މަޝްރޫޢުގެ ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ. ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 864,000 ރުފިޔާ ހުށަހަޅަންޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...