ދިގު މުއްދަތަކަށްފަހު މެލޭޝިއާގެ ސަރުކާރުގެ އެންމެ އިސްވެރިޔާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ. މިއީ މެލޭޝިއާގެ ވެރިއަކު ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ވާއިރު، މިއީ އަންވަރު 2022 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެއެވެ.
އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރައީސްގެ އަރިހުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މަރިޔަމް ޝަބީނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މެލޭޝިއާގެ ވެރިޔަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2017 ވަނަ އަހަރު، އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގެ ވެރިކަމުގައެވެ.
ފުރަމާނަ މި ޒިޔާރަތުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައި، ގުޅުން ބަދަހިކުރެވިދާނެ އާ ދާއިރާތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުން ވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.
ރަސްމީ މަޝްވަރާތަކުގެ އިތުރުން، ދިވެހި ދައުލަތުގެ އިސްވެރިން ކަމަށްވާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޚާރިޖީ ވަޒީރު ވެސް ބޮޑުވަޒީރު އަންވަރުގެ އަރިހަށް ވަކިވަކިން އިހްތިރާމުގެ ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން 1968 ވަނަ އަހަރު ގާއިމުކުރި އިރު، މެލޭޝިއާއަކީ އެތައް ހާސް ދިވެހި ދަރިވަރުންނާއި އާއިލާތަކެއް ދިރިއުޅޭ، ރާއްޖެއާ ވަރަށް ހާއްސަ އަދި ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ޒަމާންވީ އެއްބާރުލުމެއް އޮވެއެވެ.
އުމުރުން 79 އަހަރުގެ އަންވަރު އިބްރާހީމަކީ މެލޭޝިއާގެ ސިޔާސީ މައިދާނުގައި އެތައް އަހަރެއްގެ އިސްލާހީ މަސައްކަތްތަކާއި ޖަލު ހުކުމްތައް ތަހައްމަލު ކުރެއްވުމަށްފަހު، 2022 ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި، މުޅި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގަދަ ލީޑަރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...