ދިވެހި ފުޓްބޯޅަ ހިންގުމުގައި ހިނގައިދިޔަ މާލީ ބޮޑެތި ޚިޔާނާތްތަކަކާ ގުޅިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ދާއިރާއަކުން އުމުރަށް އެކަހެރިކޮށް، ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އެތިކްސް ކޮމިޓީން ވަރުގަދަ ނިންމުމެއް ނިންމައިފިއެވެ.
ފީފާގެ އެތިކްސް ކޮމިޓީގެ ޝަރުޢީ ގޮފިން މި އަދަބު އޭނާއަށް ކަނޑައެޅީ، އެ އިދާރާގެ ކޯޑް އޮފް އެތިކްސްގައި ބަޔާންކުރާ ޢާންމު ވާޖިބުތަކާއި، މަސްލަހަތު ފުށުއެރުމާއި، ރިޝްވަތާއި ކޮރަޕްޝަން އަދި ފައިސާއަށް ނަހަމަގޮތުގައި ޚިޔާނާތްތެރިވުން މަނާކުރާ މާއްދާތަކާ އޭނާ ކަނޑައެޅިގެން ޚިލާފުވެފައިވާކަން އެތިކްސް ތަހުގީގަށް ސާބިތުވުމާ ގުޅިގެންނެވެ.
މި ނިންމުމުގެ ސަބަބުން، އިދާރީ ގޮތުންނާއި ކުޅިވަރުގެ އެއްވެސް މައިދާނެއްގައި އަދި އެހެނިހެން ހަރަކާތްތަކުގައި ވެސް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ބައިވެރިވުން ބައްސާމަށް ދާއިމަށް މަނާވާނެއެވެ.
އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ބޭރުގެ އެހީތަކަށް ޚިޔާނާތްތެރިވި މައްސަލަތަކެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް ތަހުގީގުކޮށްފައިވާއިރު، އަމިއްލަ މަންފާއަށް އެޕާޓްމަންޓް ގަތުމާއި ލޯނު ފައިސާ ނެގި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އޭނާގެ މައްޗަށް ޖިނާއީ ދައުވާތަކެއް ވެސް ކޯޓަށް ވައްދައިފައެވެ.
އެފްއޭއެމް ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ގޮސް، ޤައުމީ ފުޓްބޯޅައިގެ ހާލަތު އިންތިހާއަށް ދަށަށް ދިއުމާ ގުޅިގެން ފީފާއިން މީގެކުރިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑްކޮށް، އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެ މައްސަލަތަކުގެ ފުރިހަމަ ތަހުގީގަށް ފަހު އެޅި މި ފިޔަވަޅަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ވެސް ވެރިއަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިމަތިވި އެންމެ ބޮޑު އަދަބެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...