ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ޑެބިޓް ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގަމުން އައި ‘ކްރޮސް ބޯޑަރ’ ފީ ނުވަތަ ‘އޮޕްޝަނަލް އިޝުއަރ ފީ’ މިރެއިން ފެށިގެން ނުނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
މި ނިންމުމާއެކު ދަރިވަރުންގެ ކިޔެވުމަށާއި ދިރިއުޅުމުގެ ކަންކަމަށް ޚާއްޞަކޮށްގެން ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓުން އެއްވެސް އިތުރު ޚަރަދެއް ނުކެނޑި، އެ ފައިސާގެ ފުރިހަމަ އަދަދު ދަރިވަރުންނަށް އަތަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޤައުމީ ބޭންކުން ހާމަކުރެއެވެ. މިއީ ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އުފުލަންޖެހިފައިވާ މާލީ ބުރައަށް ލިބިގެންދިޔަ ވަރަށް ބޮޑު ތަސައްލީއެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ.
ކްރޮސް ބޯޑަރ ފީއަކީ އެކައުންޓުގައި ހުންނަ ފައިސާ ނޫން އެހެން ފައިސާއަކުން މުޢާމަލާތް ކުރުމުންނާއި ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ވިސާ ނުވަތަ މާސްޓަރކާޑު ފަދަ ބައިނަލްއަޤުވާމީ ޕޭމަންޓް ނެޓްވޯކްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ނަގާ ފައިސާގެ ވަކި އިންސައްތައެއްގެ ގޮތުގައި ބޭންކުތަކުން އުނިކުރާ ފީއެކެވެ. މިއީ ބައިނަލްއަޤުވާމީ މާލީ ނިޒާމުގައި އާންމުކޮށް އޮންނަ އުސޫލެއް ކަމަށްވާއިރު، ރާއްޖޭގައި ބީއެމްއެލްއިން ކާޑުގެ ޚިދުމަތް ދޭން ފެށީއްސުރެ މިއަދާ ހަމައަށްވެސް އައީ މި ބާވަތުގެ މުޢާމަލާތްތަކުން މި ފީ ކަނޑަމުންނެވެ.
ކިޔަވާ ކުދިންނަށް ބޭރު ފައިސާ ހޯދުމުގައި ދިމާވި ދަތިތަކާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ބީއެމްއެލްގެ ސްޓޫޑެންޓް ޑޮލަރު ލިމިޓް 1200 ޑޮލަރަށް މީގެ ކުރިން ބޮޑުކޮށްދިން ނަމަވެސް، ކޮންމެ މުޢާމަލާތަކުން ކެނޑޭ މިފަދަ ފީތަކުގެ ސަބަބުން ކަނޑައެޅިފައިވާ އަދަދަށް ފައިސާ އަތަށް ނުލިބޭކަމުގެ ކަންބޮޑުވުން ދަރިވަރުން ފާޅުކުރަމުން ދިޔައެވެ. ބީއެމްއެލްގެ މި އައު ބަދަލާއެކު ދަރިވަރުންނަށް އެ ލިބޭ ލިމިޓްގެ ފުރިހަމަ ބޭނުން އެއްވެސް އުނިއިތުރެއް ނެތި ހިފުމުގެ ފުރުޞަތު މިހާރު މިވަނީ ތަނަވަސްވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...