ޓެކްނޮލޮޖީ އެންޑްރޮއިޑް ފޯނުތަކުގައި ގޫގުލް ޓްރާންސްލޭޓް ބެކްގްރައުންޑުގައި ހިންގޭގޮތް ހަދައިފި

އެންޑްރޮއިޑް ފޯނުތަކުގައި ގޫގުލް ޓްރާންސްލޭޓް ބެކްގްރައުންޑުގައި ހިންގޭގޮތް ހަދައިފި

އެންޑްރޮއިޑް ފޯނުތަކުގައި ގޫގުލް ޓްރާންސްލޭޓް ބެކްގްރައުންޑުގައި ހިންގޭގޮތް ހަދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގޫގުލް ޓްރާންސްލޭޓް ބޭނުންކުރާ މީހުންނަށް ފަސޭހަކަމާއެކު އެހެން މަސައްކަތްތައް ކުރަމުން ލައިވް ތަރުޖަމާގެ އަޑުއެހޭނެ އައު އަޕްޑޭޓްތަކެއް އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ގެންނަން ފަށައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި އެޕްލިކޭޝަން ބެކްގްރައުންޑުގައި ބާއްވައިގެން ޚިދުމަތް ހޯދުމުގެ އިތުރުން ހެޑްފޯނަކާ ނުލައި ފޯނުން ސީދާ ތަރުޖަމާ އަޑުއެހޭނެ ޚާއްސަ އީއަރޕީސް މޯޑެއް ހިމެނެއެވެ.

އެންޑްރޮއިޑް ފޯނުތަކުގައި މިހާރު ލައިވް ޓްރާންސްލޭޝަން ފެށުމަށްފަހު ފޯނުގެ ސްކްރީން ނިއްވާލި ނަމަވެސް ނުވަތަ އެހެން އެޕްތައް ބޭނުންކުރަމުން ދިޔަޔަސް އެއްވެސް މެދުކެނޑުމެއްނެތި ތަރުޖަމާގެ މަސައްކަތް ކުރިއަށްދާނެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުކުރާއިރު ނުވަތަ އެހެނިހެން ހަރަކާތްތަކުގައި އުޅޭއިރު ސްކްރީނަށް ބަލަންނުހުރެ އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

އައިފޯން ގެންގުޅޭ ފަރާތްތަކަށް ބެކްގްރައުންޑް ލައިވް ތަރުޖަމާގެ ޚިދުމަތް ލިބެން ފަށާނީ ވަރަށް އަވަހަށް ކަމަށް ގޫގުލްއިން ބުނެފައިވީ ނަމަވެސް، އެޕަލް ޔޫޒަރުންނަށް ވެސް އީއަރޕީސް މޯޑުގެ ފަސޭހަކަން މިހާރު ވަނީ ލިބެން ފަށާފައެވެ.

އީއަރޕީސް މޯޑަކީ ވަކިން އިއަރފޯނެއް ބޭނުންނުކޮށް، އާދައިގެ ފޯނު ކޯލެއް ކުރާ ފަދައިން ފޯނު ކަންފަތުގައި ޖައްސައިގެން ތަރުޖަމާ އަޑުއެހޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ. މިއީ މީހުން ގިނަ، އަޑުގަދަ ތަންތަނުގައި ނުވަތަ އެއާޕޯޓްތަކުގައި އެހެން މީހުންނަށް އުނދަގޫނުވާނޭހެން ވާހަކަތައް އޮޅުންފިލުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ބަދަލެކެވެ.

ގޫގުލްގެ ލައިވް ތަރުޖަމާގެ ޚިދުމަތުގައި 70 އަށް ވުރެ ގިނަ ބަސް ހިމެނޭއިރު، މި އައު ފީޗާތައް އާންމުކޮށް ހުރިހާ ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ވަކި ތާރީޚެއް އަދި ވަކި އަގެއް ނަގާނެކަމެއް ގޫގުލްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި އޮފްލައިންކޮށް ބޭނުންކުރުމާ ބެހޭގޮތުން ނުވަތަ އިތުރު ބަސްތަކެއް ހިމެނުމާ ބެހޭގޮތުން ވެސް އެ ކުންފުނިން އިތުރު ތަފްސީލެއް ނުދެއެވެ.

މީގެއިތުރުން ވެސް ގޫގުލްއިން ވަނީ އެ ކުންފުނީގެ އެހެން ބައެއް އެޕްލިކޭޝަންތަކަށް ދިމާވި މައްސަލަތައް ހައްލުކޮށްދީފައެވެ. އޭގެ ތެރޭގައި އެންޑްރޮއިޑް އަދި އެންޑްރޮއިޑް އޮޓޯގައި ޖެމިނައިގެ ސަބަބުން ކޯލްތަކަށް އެޅުނު ހުރަސްތައް ހައްލުކުރުމާއި، އެންޑްރޮއިޑް އޮޓޯ މެދުވެރިކޮށް ގޫގުލް މީޓްގެ އޯޑިއޯ ކޯލްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފާހަގަކޮށްލެވެއެވެ.

ޓެގް

ގޫގުލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.