އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ފުޅާވެ، މަސްރަޙު ނުހަނު ބޮޑަށް ހޫނުވެއްޖެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ޤައުމުން ވަނީ ކުވައިތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އޮޕަރޭޝަން ސާއިޤާގެ 31 ވަނަ ފިޔަވަހީގެ ދަށުން ބުރާސްފަތި ދުވަހުގެ ފަތިހު ދިން މި ހަމަލާތަކުގައި ކުވައިތުގެ އަޙްމަދު އަލްޖާބިރު އެއަރ ބޭސްގައި ހުރި ސެޓެލައިޓް މުވާސަލާތީ ނިޒާމުތަކަށާއި، ހަތިޔާރު ގުދަންތަކުގެ އިތުރުން ފައިޓަރ ޖެޓް ހެންގަރުތަކަށް ވަނީ އަމާޒުކޮށްފައެވެ.
މި ހަމަލާތަކާ ގުޅިގެން ކުވައިތުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ މިއީ އެ ޤައުމުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ޤަޠަރާއި އުރުދުންއިން ވެސް ވަނީ އީރާނުން ކުވައިތަށް ދިން ހަމަލާތައް ކުށްވެރިކޮށް، މިއީ އަވަށްޓެރި ޤައުމުތަކުގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށް ބުނެފައެވެ. މީގެ އިތުރުން މިސްރުން ވެސް ވަނީ އަރަބި ޤައުމުތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ.
އީރާނުގެ އިސް މަޝްވަރާވެރިޔާ ވަނީ ކައިވެނި ހަފްލާއަކަށް ދިން ހަމަލާއަކާ ގުޅިގެން އެމެރިކާއަކީ “ޝައިޠާނެއް” ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މާ ހަރުކަށި އައު ސްޓްރެޓެޖީއެއް ބޭނުންކުރާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
އަނެއްކޮޅުން، އެމެރިކާއިން ދެމުންދާ ވައިގެ ހަމަލާތަކުގައި އީރާނުން 18 މީހުން މަރުވެ، 142 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ހުސައިން ކަރްމާންޕޫރު ވަނީ ހާމަކޮށްފައެވެ. މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރޭގައި 61 އަންހެނުންނާއި 44 ކުޑަކުދިން ހިމެނޭއިރު، މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ކުޑަކުއްޖަކު ހިމެނެއެވެ. މީގެ އިތުރުން ސެޕްޓެމްބަރު 1 ގައި ޚުޒިސްތާން ޕްރޮވިންސަށް އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ ކަނޑުގެ ސިފައިންގެ މީހެއް ކަމަށްވާ އަމީރުހުސައިން ސަލީމްޒާދާ ވެސް ވަނީ މަރުވެފައެވެ.
ލުބުނާނުގެ ދެކުނުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ތިބި އީރާނުގެ އަސްކަރީ ފަރާތްތަކާއި ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާއެއް ދީފިނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ އެމެރިކާއަށް ދީފައެވެ. ހަމައެއާއެކު އިސްރާއީލު ސިފައިން ވަނީ މަންސޫރީ އަދި ހަލްތާ ފާމްސް ހިމެނޭހެން ދެކުނު ލުބުނާނުގެ ސަރަޙައްދުތަކަށް ޓޭންކުތަކާއި ބުލްޑޯޒަރުތަކާއެކު އަރައިގަނެ، ބޮންއަޅައި ބައެއް ގެތައް ވަށާލާފައެވެ.
މެދުއިރުމަތީގެ މި ހަލަބޮލިކަމާ ގުޅޭގޮތުން ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލްނަޙްޔާން އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ގުޅައި މަޝްވަރާކޮށްފައެވެ. ޓްރަމްޕް ބުނެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ.
ހަނގުރާމައިގެ ނުތަނަވަސްކަމުގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުގެ އަދަދު ވަނީ އާދަޔާ ޚިލާފަށް ދަށަށް ގޮސްފައެވެ. ނަމަވެސް، ފާއިތުވި 11 ދުވަހުގެ ތެރޭގައި ތެލުގެ ވިޔަފާރިން އީރާނަށް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަދެ، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެފައިވާ ކަމަށް އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...