ހުޅުމާލެ ހޮސްޕިޓަލުން ސިއްހީ އާ ތިން ހިދުމަތެއް ފެށުމާއެކު، އައިޖީއެމްއެޗްގެ ވެއިޓްލިސްޓަށް ބޮޑު ލުޔެއް ލިބި، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހޭ ދިއުން މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގެސްޓްރޯއެންޓެރޮލޮޖީ، ނިއުރޯލޮޖީ އަދި ޔޫރޮލަޖީގެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ވަނީ އެ ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވާފައެވެ.
މި ހިދުމަތްތައް ފެށުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފަދަ ސްޕެޝަލިސްޓް ހިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އަދި މި ބަދަލާއެކު އައިޖީއެމްއެޗްގައި ކިއުގައި ތިބޭ މީހުންގެ އަދަދު ކުޑަވެ، އާންމުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މީގެ ކުރިން މިފަދަ ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުން ދާންޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ނިއުރޮލޮޖީގެ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ (EEG) ހެދުމުގެ ހިދުމަތާއި، ޔޫރޮލަޖީގެ ކޮންސަލްޓޭޝަންގެ އިތުރުން ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ހުޅުމާލެ ހޮސްޕިޓަލުން ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގެސްޓްރޯއެންޓެރޮލޮޖީގެ ހިދުމަތުގެ ތެރެއިން މިވަގުތު ކޮންސަލްޓޭޝަން ފެށިގެން ދިޔަ ނަމަވެސް، އިތުރު އިންޓަވެންޝަނެއް ހަދަންޖެހޭ ހާލަތްތަކުގައި ރިފާ ކުރެވޭނެ އިންތިޒާމު އޮންނާނެ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ގެސްޓްރޯއެންޓެރޮލޮޖީގެ އެންޑޯސްކޯޕީ އަދި ކޮލޮނޮސްކޮޕީގެ ހިދުމަތްތައްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...