އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް 241 ކޮމިޓީއަށް ގެންނަން ޑިފެންސްގައި އެދެނީ
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ގެންނަން މަޖިލީހުގެ ފަރާތުން ހުށަހެޅުމަށް ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްޤީކުރުމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުން 241 ކޮމިޓީއަށް ގެނެސް، އޭގައި ހުރި ކަންކަން ބެލުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ގޮތުން 241 ކޮމިޓީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެއްބަސްވުމުގެ ކޮޕީއެއް ކޮމިޓީއަށް ގެންނަން މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ ޑިފެންސް މިނިސްޓްރީއަށް އިއްޔެ ސިޓީއެއް ފޮނުއްވާނެ ކަމަށެވެ.
އެއްބަސްވުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެއީ ފޮރުވިފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހެދި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ކޮމިޓީއާއި ހިއްސާކުރުމަށް އެ ކޮމިޓީގެ މެންބަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ޝަރީފް ދެ ފަހަރެއްގެ މަތިން ހުށަހަޅުއްވައިފައިވެއެވެ.
ދާދިފަހުން ރައީސް ނަޝީދަށް އެޑްރެސް ކުރައްވައި ޝަރީފް ފޮނުއްވި ސިޓީގައިވަނީ، އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދަމުންދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށާއި، ސިޔާދަތު ގެއްލެމުންދާކަމަށް ރާއްޖޭގެ ގިނަ ބަޔަކު ތުހުމަތު ކުރަމުންދާކަން ފާހަގަކުރައްވައިފައެވެ.
އިންޑިއާ ސަރުކާރާއެކު އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރީ ހުސްވި ފެބްރުއަރީމަހުގެ 21 ގައެވެ. އެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް ވެސް ލީކްވެފައިވެއެވެ. ލީކްވި ލިޔުންތަކުގައި ވާގޮތުން ސޮއިކުރާ ތާރީޚުން ފެށިގެން 30 އަހަރުވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ. އަދި އެއަށްފަހު އޮޓަމެޓިކުން އެއްބަސްވުން އިތުރު 30 އަހަރަށް އާވާނެ ކަމަށެވެ. ނަމަވެސް އެއްބަސްވުން އާ ނުވާނީ ދެ ޤައުމުން އެކަން ކުރަން އެއްބަސްވާނަމައެވެ. ހަމައެއާއެކު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއެކު ތިބެވޭނެކަމަށް ވެސް އެ ލިޔުންތަކުގައިވެއެވެ.

