ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދިނުމަށް ރިސޯޓުތަކުން ނިންމަމުންދާތީ، އެ ފިޔަވަޅާ ދެކޮޅަށް ރިސޯޓު މުވައްޒަފުންގެ މެދުގައި ބޮޑު ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގައި އެ ޖަމިއްޔާއާ ގުޅިފައިވާ ޔޫނިއަން ރިސޯޓުތަކުން މިހާރު ވަނީ އަމަލީގޮތުން ބައިވެރިވާން އެއްބަސްވެފައެވެ. އަދި ޓީމުގެ ގޮފިތައް ހުރި ހުރިހާ ރިސޯޓުތަކަކުން ވެސް މި ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެ އޮގަނައިޒޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް ލިބެމުންދިޔަ ޑޮލަރުގެ އާމްދަނީ ރައްކާތެރިކޮށް، މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުންތައް އަނބުރާ ގެންދިއުމަށް މެނޭޖްމަންޓްތަކަށް ބާރުއެޅުމެވެ. ޓީމްގައި ނުހިމެނޭ ރިސޯޓުތަކާއި އެ ތަންތަނުގެ އާންމު މުވައްޒަފުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ މީހުން ވަނީ އެދިފައެވެ.
މުވައްޒަފުންގެ މުސާރަތަކަށް މިފަދަ ބަދަލުތަކެއް އަންނަން ފެށީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް މަޖިލީހުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެންނެވެ. މީގެ އިތުރުން އެމްއެމްއޭގެ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ކާރުބާރު ބޭރުގައި ޑޮލަރު ވިއްކުމާއި، އެފަދަ އަގުތައް އިޝްތިހާރުކުރުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފައެވެ.
އާ ގާނޫނުގެ ދަށުން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމްކޮށްފައިވާއިރު، ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭ އިންސައްތައަކީ 6 ޕަސެންޓް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ގާނޫނާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މިލިއަނުން ގުނާލެވޭ ބޮޑެތި ފައިސާގެ އަދަބުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...