ދިވެހި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރެ ބާރުވެރިކުރުވުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދިޔަ “ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 3،000 އަށް ވުރެ ގިނަ ފަރާތަކަށް ޖުމްލަ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށް، އެ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ސްކީމަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އަލަށް ފަށަން ނުވަތަ މިހާރު ކުރަމުންދާ ވިޔަފާރި ފުޅާކުރަން އެދޭ ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާލި މި ފުރުސަތުގައި، އެއްވެސް ރަހުނަކާ ނުލައި ކޮންމެ ވިޔަފާރިވެރިއަކަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ އެހީ ފޯރުކޮށްދީފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނަށް އެމީހުންގެ އަމިއްލަ ވިޔަފާރީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އުފެއްދުންތެރި ޚިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަކީ ބޭންކަށް ލިބޭ ޝަރަފެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުވެގެން ދިޔުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފިޔަވަހީގެ ތަޖުރިބާއާއި ކާމިޔާބީއަށް ބަލައި، ކުރިއަށް އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މާލީ އެހީގެ އިތުރުން، މި ސްކީމްގެ ދަށުން އެހީ ލިބުނު ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން ޒުވާނުންނަށް މެންޓަރޝިޕް ދިނުމާއި، ވިޔަފާރި ހިންގުމުގެ ތަމްރީނުތައް ފޯރުކޮށްދިނުމުގެ އިތުރުން ވިޔަފާރިތައް ރަސްމީކޮށް ފޯމަލައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ފޯރުކޮށްދެމުންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...