ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ބޭނުންކުރުމުގެ އުސޫލުތައް ޒަމާނީކޮށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު” ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު ފާސްވީ ޖަލްސާގައި ވޯޓު ދެއްވި 47 މެންބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
މި ގާނޫނުގެ ދަށުން ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށެއް، ފަތުރުވެރިކަމަށް ނުވަތަ ސިނާއީ ބޭނުމަކަށް ތަރައްގީކުރަން އެކަށައަޅައިފިނަމަ އެ ރަށެއް ކައުންސިލުގެ އިހްތިސާސުން ވަކިކުރެވޭނެއެވެ. އަދި އާންމު އުސޫލުން ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށް ކަމަށްވާއިރު، އެ މުއްދަތު ގިނަވެގެން 50 އަހަރަށް އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީއަށެވެ.
ވަކި ބޭނުމަކަށް އެކަށައަޅާފައި ނުވާ ރަށްރަށް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު އިތުރުކުރެވޭނީވެސް 5 އަހަރުގެ މުއްދަތަކަށެވެ. ވަރުވާއަށް ދޫކުރާ ރަށެއްގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި އެހެނިހެން ބޭނުންތަކަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލުގެ ދަށުން ފަތުރުވެރިކަމާއި، ސިނާއީ، ދަނޑުވެރިކަން އަދި އިޖުތިމާއީ ފަދަ ބޭނުންތަކަށް ރަށްރަށް އެކަށައަޅާއިރު ރަށުގެ ޓޮޕޯގްރަފީއަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަށް ރިއާޔަތްކުރަން ޖެހެއެވެ. އަދި ހިމާޔަތްކޮށްފައިވާ ތަންތަން އެހެން ބޭނުންތަކަށް ނުނެގެޔޭނެ ކަމަށާއި، ވަރުވާއަށް ދޫކުރާ ރަށްތައް ފިޔަވައި އެހެން ރަށްތައް ބަލަހައްޓާނީ ކައުންސިލްތަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...