“މަދަރުސީ އިސްވާރުކަން – ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން” މިޝިޢާރުގެ ދަށުން ސްކޫލްތަކުގެ އިސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމާލައިފިއެވެ. މި މަހާސިންތާގައިވނީ އެޑިޔޭޝަން ޕޮލިސީތަކާމެދު ފުޅާދާއިރެއްގައި މަޝްވަރާ ކުރެވި ގޮތްތަކެއް ނިންމިފައިކަމަށާއި، މިއީ އުންމީދުން ފުރިގެންވާ މަހާސިންތާއެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިމަހާސިންތާއާބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ މި މިހާސިންތާގައި ކުރިއަށްގެންދެވުނު ސެޝަންތަކުގައި ވަނީ، ވަށައިޖެހޭ ތަޢުލީމް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ޕްރިންސްޕަލުންގެ ދައުރާއި ކަރިކިއުލަމް ތަންފީޒް ކުރުމުގައި ދިމާވާ ދަތިތަކާއި މިނޫންވެސް މުހިއްމުކަންކަމާމެދު މަޝްވަރާކޮށްފައިކަމަށެވެ. ޝަހުދާ ވިދާޅުވީ މިމަހާސިންތާގައި މިހާރު އެކުލަވާލާފައިވާ މުހިއްމު 20 ޕޮލިސީއަކަށް ވަރަށް ފުޅާދާއިރާގައި މަޝްވަރާކޮށް ދިރާސާކޮށްފައިވާކަމަށެވެ.
މި މަހާސިންތާގައި ވަނީ ތަޢުލީމީދާއިރާގައި ހަދާފައިވާ ޕޮލިސީތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރުމާއި ގެންނަންޖެހޭ ބަދަލުތަކާމެދުވެސް މަޝްވަރާކޮށްފައެވެ. އަދި ތަޢުލީމީ ދާއިރާގެ ކުރިއަށްއޮތް ފަސް އަހަރުދުވަހުގެ ޕްލޭނިންނާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.
ދެދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ސަރުކާރުގެ 213 ސްކޫލަކުން 250 އިސްވެރިން ބައިވެރިވެފައިވެއެވެ. ކުރިއަށް އޮތްތާގައިވެސް ސްކޫލުތަކުގެ އިސްވެރިންނަށް ޚާއްސަކޮށްގެން މިފަދަ އިތުރު މަހާސިންތާތަކެއް ބޭއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...