ޚަބަރު މުދަލަކީ އިމްތިޙާނެއް، ނަހަމަގޮތުގައި އާމްދަނީ ހޯދުން އިސްލާމު ދީނުގައި ވަނީ ހަރާމްކުރައްވާފައި: ހުކުރު ޚުޠުބާ

މުދަލަކީ އިމްތިޙާނެއް، ނަހަމަގޮތުގައި އާމްދަނީ ހޯދުން އިސްލާމު ދީނުގައި ވަނީ ހަރާމްކުރައްވާފައި: ހުކުރު ޚުޠުބާ

މުދަލަކީ އިމްތިޙާނެއް، ނަހަމަގޮތުގައި އާމްދަނީ ހޯދުން އިސްލާމު ދީނުގައި ވަނީ ހަރާމްކުރައްވާފައި: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންސާނާގެ އަތްމައްޗަށް ލިބިފައިވާ މުދަލަކީ މާތް ﷲ ދެއްވާފައިވާ އިމްތިޙާނަކާއި ވަގުތީ އަމާނާތެއް ކަމަށާއި، ނަހަމަ ގޮތުގައި މުދާ ހޯދައި ބޭނުންކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ފާފަ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "މުދަލަކީ މާތް ﷲގެ ޙައްޤެކެވެ" މި މަޢުޟޫޢަށް އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗެއްގެ ފުރިހަމަ މިލްކުވެރިކަން ވަނީ މާތް ﷲ އަށެވެ. ކީރިތި ޤުރްއާނުގެ އައްނަފާލް ސޫރަތުގެ 28 ވަނަ އާޔަތަށް އަލިއަޅުވާލަމުން ޚުޠުބާގައި ފާހަގަކުރީ، އިންސާނާ އަމިއްލަ ނަފުސާ ސުވާލުކުރަންވީ އެއްކުރެވުނު މުދަލުގެ ގިނަކަމާ މެދު ނޫން ކަމަށާއި، އެ އިމްތިޙާނުން ކާމިޔާބު ހޯދުނުތޯ ކަމަށެވެ. އަދި ޤިޔާމަތް ދުވަހު މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވިގެން މެނުވީ އެއްވެސް މީހަކަށް އެ ހުރިތަނުން ފައިތިލަ ގުޑުވައިނުލެވޭނެކަން އިންޒާރުކުރިއެވެ.

މުދަލަށް ދަހިވެތިވުމުގެ ނުރައްކާތެރިކަން ހާމަކޮށް ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ގެނެސްދެމުން ޚުޠުބާގައި ބުނީ، ބަކަރި އައިނެއްގެ ތެރެއަށް ހައިވެފައިވާ ދެ ކުއްތާ ދޫކޮށްލުމުން ލިބޭ ގެއްލުމަށް ވުރެ، މުދަލާއި މަގާމަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ލިބޭ ފަސާދަ މާ ބޮޑު ކަމަށެވެ. އެގޮތުން ރިބާއާއި، ރިޝްވަތާއި، މަކަރާއި ޙީލަތާއި، ވައްކަމާއި، ޖުވާއާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވެގެން މުދާ އެއްކުރުމަކީ ޙަރާމް ކަންކަން ކަމަށާއި، ޙަރާމް މުދަލުން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށް އެންމެ އައުލާކަންބޮޑީ ނަރަކަކަން ކީރިތި ރަސޫލާގެ ބަސްފުޅުން ހަނދާންކޮށްދިނެވެ.

ހަމައެއާއެކު، ޙަލާލު ގޮތުގައި މުދާ ހޯދުމަކީ ތެދުވެރި މަސައްކަތުންނާއި، ހުއްދަ ވަޒީފާގެ އުޖޫރައިންނާއި، ވިޔަފާރިއާއި، ޝަރުޢީ ތަރިކައާއި ހަދިޔާއިން ލިބޭ އާމްދަނީކަން ފާހަގަކުރިއެވެ. އަދި ހެޔޮލަފާ މީހަކަށް ޙަލާލު މުދާ ލިބުމަކީ ބޮޑު ނަސީބެއް ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ބަޔާންކުރިއެވެ. މީގެއިތުރުން އިބްނުލްޤައްޔިމްގެ "މަދާރިޖުއްސާލިކީން" އާ ޙަވާލާދީ، މުއްސަނދިކަމަކީ ޒުހުދުވެރިކަމާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، މުހިންމީ އެ މުދާ ޙަލާލު ގޮތުގައި ހޯދައި، މާތް ﷲ އާ ކުއްތަންވުމަށް ހުރަހަކަށް ނުވާނޭހެން ބޭނުންކުރުން ކަމަށް ބުންޏެވެ.

މުދާ ހޭދަކުރުމުގެ ތަރުތީބަށް އިޝާރާތްކުރަމުން ޚުޠުބާގައި އެންމެ އިސްކަމެއް ދިނުމަށް ބާރުއެޅީ އަމިއްލަ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން އަހުލުވެރިންގެ ޒަރޫރީ ޚަރަދުތައް ބެލެހެއްޓުމަށެވެ. އެއަށްފަހު ގާތްތިމާގެ މީހުންނަށާއި ފަޤީރުންނާއި ޔަތީމުންނަށް އެހީވުމާއި، މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފަރުޟު ޒަކާތް އަދާކުރުމަކީ ކޮންމެހެން ކުރަންޖެހޭ އަޅުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މުދާ އިސްރާފުކުރުމާއި، ބޭނުމެއް ނެތި ތަކެތި ގަނެ ހަލާކުކޮށް އުކާލުމަކީ ވެސް އިލާހީ ނިޢުމަތަށް ވެވޭ ޚިޔާނާތެއްކަން ހަނދާންކޮށްދިނެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.