މަސްޖިދުލް ޙަރާމްގެ ސީނިއަރ މުއައްޛިން ފަޟީލަތުއްޝައިޚް އިބްރާހީމް ބިން ޢާދިލް އަލްމަދަނީ، މިއަދުގެ ފަތިސް ނަމާދު ވަގުތު މައްކާގައި އަވަހާރަވެއްޖެއެވެ.
ޝައިޚް އަވަހާރަވިކަން އިޢުލާންކޮށްފައިވަނީ ހަރަމައިން ޝަރީފައިންގެ ރަސްމީ ‘އެކްސް’ އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
ޝައިޚް އިބްރާހީމް އަލްމަދަނީއަކީ މަސްޖިދުލް ޙަރާމްގެ މުކައްބިރިއްޔާގެ މެންބަރެކެވެ. މުކައްބިރިއްޔާގައި މަސައްކަތްކުރައްވާ މުއައްޛިނުންނަކީ ބަންގިގޮވުމުގެ އިތުރުން، ނަމާދުގައި އިމާމް މީހާ ކިޔާ ތަކްބީރުތައް އަޑުހަރުކޮށް މައުމޫމުންނަށް އިއްވައިދޭ ބޭފުޅުންނެވެ.
މަސްޖިދުލް ޙަރާމްގައި ބަންގިގޮވުމަށް ކަނޑައެޅިފައިވާ 24 މުއައްޛިނުން ތިއްބަވާއިރު، ކޮންމެ ދުވަހަކުވެސް ފަރުޟު ފަސް ނަމާދާއި ފަތިސް ނަމާދުގެ ފުރަތަމަ ބަންގިގޮވުމަށް ހަ މުއައްޛިނުން ޑިއުޓީގައި ތިއްބަވައެވެ. ޝައިޚް އިބްރާހީމް އަލްމަދަނީ ބޮޑަށް މަޝްހޫރުވެފައިވަނީ އެކަލޭގެފާނުގެ ފަތިސް ބަންގީގެ ރީތި އަޑުފުޅާއި ތަކްބީރުތަކަށެވެ.
ޝައިޚް އެންމެ ފަހުން މަސްޖިދުލް ޙަރާމްގައި ބަންގިގޮއްވާފައިވަނީ ހިޖުރައިން 1446 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 11 ވަނަ ދުވަހުއެވެ. އެކަލޭގެފާނުގެ އަޑުފުޅުން ރެކޯޑުކުރެވިފައިވާ ބަންގިތަކާއި، ޙައްޖާއި ޢީދު ނަމާދުގެ ތަކްބީރުތައް ފާހަގަކޮށްލެވެއެވެ.
ޝައިޚް އިބްރާހީމް އަލްމަދަނީ އުފަންވެވަޑައިގަތީ ހިޖުރައިން 1397 ވަނަ އަހަރު މަދީނާއަށެވެ. ކީރިތި ޤުރުއާން ހިތުދަސްކުރެއްވީ ޢާއިލާގެ ތެރެއިންނެވެ. ބަންގިގޮވުމުގެ ޚިދުމަތް އެންމެ ފުރަތަމަ ފެއްޓެވީ އުމުރުފުޅުން 15 އަހަރުގައި މަދީނާގެ މިސްކިތެއްގައެވެ. އޭގެފަހުން 1428 ވަނަ އަހަރު މަދީނާގެ މަސްޖިދުލް މަދާހުގެ މުއައްޛިނެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު، 1439 ވަނަ އަހަރު ރަސްމީކޮށް މަސްޖިދުލް ޙަރާމްގެ މުއައްޛިނެއްގެ މަޤާމަށް އައްޔަންކުރެވުނެވެ.
މަދީނާގައި ބޮޑުފުޅުވުމުގެ ސަބަބުން ޝައިޚް އިބްރާހީމަށް މަދަނީ ރީތި ރާގަށް ބަންގިގޮވުމުގެ ހުނަރު ލިބިވަޑައިގަތެވެ. އޭގެފަހުން ބައްޕާފުޅާއެކު މައްކާއަށް ހިޖުރަކުރައްވައި، މައްކާގެ ބަންގީގެ ޚާއްޞަ ރާގުތައް ދަސްކުރެއްވިއެވެ. މައްކާގައި ހުންނެވި ދުވަސްވަރު މަސްޖިދުލް ޙަރާމްގެ ކުރީގެ މުއައްޛިން ޝައިޚް ޢަބްދުއްލަޠީފް މުއްލާއާ ބައްދަލުވެ، މައްކާ އަދި މަދީނާގެ ރާގުތަކަށް ބަންގިގޮވުމުގެ ފަންނު އިތުރަށް ފުރިހަމަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...