ދީން މަރު ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ

މަރު ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ

މަރު ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔެއަކީ ދާއިމީ ތަނެއް ނޫނެވެ. މި ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކީވެސް ކަނޑައެޅިފައިވާ މުއްދަތަކަށް ދިރިއުޅުމަށްފަހު، މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔަންޖެހޭނެ މީހެކެވެ. މަރަކީ ކޮންމެ ދިރޭ އެއްޗަކާވެސް ބައްދަލުކުރާނެ ޙަޤީޤަތެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ: ﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ﴾ (އާލު ޢިމްރާން: 185) މާނައީ: “ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ.”

މަރު އައިސް އިންސާނާއާ ބައްދަލުކުރާނީ ކޮން ވަގުތަކު، ކޮން ތަނެއްގައި އަދި ކޮން ޙާލަތެއްގައި ކަމެއް އެއްވެސް މަޚްލޫޤަކަށް ނޭނގޭނެއެވެ. މަރުވުމަކަށް ވަކި ޢުމުރެއް، ވަކި ވަގުތެއް ނުވަތަ ވަކި ޞިއްޙީ ޙާލަތެއް ނޯވެއެވެ. ޒުވާނަކު މުސްކުޅިވާންދެން ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަދި ބަލިމީހަކު މަރުވުމުގެ ކުރިން، ގަދަވެ ދުޅަހެޔޮކޮށް ހުރި މީހާ މަރުވެގެން ދިއުމަކީ އަޅުގަނޑުމެންގެ ލޯތަކަށް ކޮންމެ ދުވަހަކު ފެންނަމުންދާ ޢިބްރަތްތެރި ޙަޤީޤަތެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ﴾ (ލުޤްމާން: 34) މާނައީ: “އަދި އެއްވެސް ނަފްސަކަށް މާދަމާ އެ ނަފްސު ހޯދާނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. އަދި އެ ނަފްސު މަރުވާނީ ކޮން ބިމެއްގައި ކަމެއްވެސް އެއްވެސް ނަފްސަކަށް ނޭނގެއެވެ.”

މަރުގެ ވަގުތު އައުމުން، އެ ވަގުތު އެންމެ ސިކުންތެއްވެސް އަވަސްވެސް ނުކުރެވޭނެއެވެ. އަދި ލަހެއްވެސް ނުކުރެވޭނެއެވެ. އެހެންކަމުން، ބުއްދިވެރިޔަކީ މާދަމާއަށް ތައުބާވުން ފަސްނުކޮށް، އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ. ގިނަ މީހުންނަށް ހީވަނީ ތައުބާވެ، ހެޔޮ ޢަމަލުކުރުމަށް އަދި ވަގުތު އެބައޮތް ކަމަށެވެ. މިއީ ޝައިޠާނާ އިންސާނާއަށް ދައްކާ ވަސްވާހެކެވެ. ކިތައް ކިތައް ޒުވާނުން ހެނދުނު ހޭލައި، ދުވާލުގެ ކަންކަން ރާވައި، ނަމަވެސް އިރުއޮއްސުމުގެ ކުރިން ކަފުންކުރެވި ވަޅުލެވިފައިވޭ ހެއްޔެވެ؟

މަރު ހަނދާންކުރުމަކީ އިންސާނާ ފާފަތަކުން ދުރުހެލިކޮށް، ﷲ ގެ މަގަށް ރުޖޫޢަވުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ: “أَكْثِرُوا مِنْ ذِكْرِ هَاذِمِ اللَّذَّاتِ: الْمَوْتِ” (ރިވާކުރެއްވީ ތިރްމިޛީ) މާނައީ: “އަރާމާއި ލައްޒަތްތައް ކަނޑުވާލަނިވި މަރު، ގިނަގިނައިން ހަނދާންކުރާށެވެ.”

މަރުވުމަށް ވަކި ވަގުތެއް ނެތްކަން ދަނެ، ކޮންމެ މުސްލިމަކުވެސް އަބަދުވެސް ތައްޔާރުވެ ހުންނަންވާނީ އާޚިރަތުގެ ގޮވައްޗަށެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުހެލިވާންޖެހެއެވެ. އަޅުގަނޑުމެން ދުނިޔެއިން ވަކިވެގެންދާނީ ކޮން ވަގުތަކު ކަން ނޭނގޭތީ، ހެޔޮ ޢަމަލުތައް ކުރުން އަވަސްކޮށް، އަބަދުވެސް ތައުބާ މަތީ ދެމިތިބުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އޮތް ހަމައެކަނި މަގެވެ.

ޓެގް

އިސްލާމްދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.