ޕްލާސްޓިކް ކޮތަޅު ބޮނޑިން ދެރުފިޔާގެ ފީ ނެގުން އުވާލައި، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި އިޞްލާޙުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ކޮތަޅުން ފީ ނެގުމުގައި، 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާވާނެއެވެ. މިއީ ކުރިން ދިމާވަމުންދިޔަ ޑަބަލް ޓެކްސްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލެކެވެ.
މި މަހުގެ 17 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތަކުގެ މިންގަނޑުތައް ކަނޑައެޅުމާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ އުސޫލުތައް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.
މީގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަންފީޒުކުރާ ވުޒާރާގެ އިތުރުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ވަނީ އިތުރަށް ސާފުކޮށްދީފައެވެ.
ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އަދި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެއެވެ.
މި ބިލުގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށްފައިވާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ޤައުމީ އަދި ސިޓީތަކުގެ މާސްޓަރ ޕްލޭންތަކާ އެއްގޮތަށް ބައްޓަންކުރުން ލާޒިމުކުރެއެވެ.
2022 ޑިސެމްބަރު 18 އިން ނިޔަލަށް ޢަމަލުކުރަން ފެށި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކޮށް، ތިމާވެށްޓާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...