ބޭރުދުނިޔެ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ އަވަށްޓެރި ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ އަވަށްޓެރި ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ އަވަށްޓެރި ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ އިގްތިސާދީ ފިޔަވަޅުތަކުގައި ބައިވެރިވާ ސަރަހައްދީ އަވަށްޓެރި ކޮންމެ ގައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލައި، އެ ގައުމުތަކުގެ މަސްލަހަތުތަކަށް ބަދަލުހިފުމުގެ ހަމަލާތައް އަމާޒުކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ މުހުސިން ރިޒާއީ ބުނެފިއެވެ. އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށް އެކަހެރިކުރުމަށް އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިންޒާރުދީފައިވަނިކޮށް ރިޒާއީ މިފަދައިން ބުނެފައިވާއިރު، މިއީ ގަލްފުގެ ގައުމުތަކަށް އީރާނުން ދިން ސީދާ އިންޒާރެއް ކަމަށް މުރާސިލުން ފާހަގަކުރެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ ދުޝްމަނުންގެ ފިއްތުންތަކަށް އީރާނުން ބޯނުލަނބާނެ ކަމަށާއި، މި ނާޒުކު ދަނޑިވަޅުގައި އެތެރޭގެ އެއްބައިވަންތަކަން ހިފެހެއްޓުން މުހިންމު ކަމަށެވެ. މީގެ އިތުރުން ކުރިމަތިވެދާނެ އަސްކަރީ ނުރައްކާތައް ދުރާލާ ހުއްޓުވުމަށާއި، ކުޑަ ހަމަލާއަކަށް ވެސް އެތައް ގުނައަކުން ވަރުގަދަ ރައްދެއް ދެވޭނެ ގޮތަށް އީރާނުގެ އަސްކަރީ އަދި ދިފާއީ ސިޔާސަތުތައް ބަދަލުކޮށް ތައްޔާރުވަމުންދާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ އައު ސަރަހައްދެއްގެ ގޮތުގައި ދައްކުވައިދޭ ޗާޓެއް އޭނާގެ ޓްރުތު ސޯޝަލްގައި ހިއްސާކޮށްފައެވެ. ސައުތު ކެރޮލައިނާގައި އޮތް އެއްވުމެއްގައި ވެސް ޓްރަމްޕް ވަނީ އެ ކަނޑުއޮޅިއަކީ އެމެރިކާގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ޑިޕްލޮމެޓް ޖޯއީ ހޫޑް ވަނީ އެ ވާހަކަތައް ދޮގުކޮށް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އާގުބޯޓުފަހަރަށް ބިރުދެއްކުން ހުއްޓުވައި ދަތުރުފަތުރުގެ އަމާންކަން ކަށަވަރުކުރުމަށް ގޮވާލައިފައެވެ. މީގެ އިތުރުން ޔަމަނުގެ ބާބުލް މަންދަބް ކަނޑުއޮޅިން ހޫޘީން އަޅާފައިވާ ކަނޑު އަޑީގެ މައިނެއް ފެނިގެން ނައްތާލާފައިވާ ކަމަށް ޔަމަނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޖަރީމާތަކާއި އަމަލުތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި 100 އަށް ވުރެ ގިނަ ކުރީގެ ޑިޕްލޮމެޓުން އިނގިރޭސިވިލާތާއި ފްރާންސަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެހެންނަމަވެސް ޔޫރަޕްގެ ގައުމުތަކުން އިސްރާއީލު ކުށްވެރިކޮށް ނެރޭ ބަޔާންތަކަކީ އަމަލީ އެއްވެސް ބުރަދަނެއް ނެތް ފުއްޕާހަމެއް ފަދަ ވާހަކަތަކެއް ކަމަށާއި އިސްރާއީލުން އެއަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް އިސްރާއީލުގެ ކުރީގެ ޑިޕްލޮމެޓް އެލޯން ޕިންކަސް ބުންޏެވެ. އަނެއްކޮޅުން، ހުޅަނގު އައްޑޭގު އަބޫ ފަލާހު އަވަށުގައި އިސްރާއީލުގެ ވަޒަންވެރިން ވަނީ ފަލަސްތީނު މީހުންގެ މުދާތައް ފޭރިގެންފައެވެ. އަދި ޣައްޒާގައި އިސްރާއީލުން 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، ސަހަރާތައް ހަލާކުކޮށްލާފައި ވުމުން، މަރުވާ މީހުން ވަޅުލާނެ ބިން ނެތިގެން ސްކޫލްތަކާއި ގޯތިތެރޭގައި ވަޅުލަން މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ސީރިއާގެ ބައިތު ޖިން އަވަށުގައި ދުއްވާފައި ދިޔަ ލޮރީއަކަށް ޑްރޯން ހަމަލާއެއް ދީ އާންމުން ޒަޚަމްކޮށްލާފައިވާ ކަމަށް ސީރިއާގެ ފޮރިން މިނިސްޓްރީން ހާމަކުރިއެވެ. މީގެ އިތުރުން ލުބުނާނުގެ ދެކުނުގެ ހައްދާޘާ އަވަށާއި އެހެނިހެން ސަރަހައްދުތަކަށް އިސްރާއީލުން ފޮސްފަރަސް ބޮމާއި ބޮޑުބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މީގެ އިތުރުން ސީރިއާގައި ހުރި މަރުކަޒަކަށް ދިން ހަމަލާއަކާ ގުޅިގެން އިސްރާއީލުން އެމެރިކާއަށް ދުރާލާ އަންގާފައި ނުވާތީ އެމެރިކާގެ މަންދޫބު ޓޮމް ބަރަކް ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ޓެގް

އީރާން ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.