ތުރުކީގެ އަންހެން ފަނޑިޔާރަކަށް، ކުރީގެ ފިރިމީހާ ކޯޓު ތެރޭގައި ބަޑިން ހަމަލާދީފި

ތުރުކީގެ އިސްތަންބޫލްގައި، އަންހެން ފަނޑިޔާރަކަށް އޭނާގެ ކުރީގެ ފިރިމީހާ ކޯޓު އިމާރާތެއްގެ ތެރޭގައި ބަޑިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އިސްތަންބޫލްގެ އޭޝިއާ ފަޅީގައި ހުންނަ ކޯޓެއްގައެވެ. ހަމަލާ ދިނުމަށް ފަހު ދެވަނަ ފަހަރަށް ބަޑި ޖަހަން އުޅެނިކޮށް، ޕެރޯލްގައި ހުރި ކުށްވެރިއަކު ވަނީ އެކަން ހުއްޓުވާފައެވެ.
ސޯޒްކޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާ ދީފައިވަނީ ފަނޑިޔާރު އަސްލީ ކަހްރަމާންއަށެވެ. ހަމަލާ ދިނީ އޭނާގެ ކުރީގެ ފިރިމީހާ، ދައުލަތުގެ ވަކީލެއް ކަމަށްވާ މުހައްމަދު ކަގަޓޭ ކިލިކަސްލާން އެވެ. ފަނޑިޔާރަށް ހަމަލާ އަމާޒުވީ އުކުޅުވަޅަށް ކަމަށާއި، ވަގުތުން ފަރުވާ ދޭން ފަށައި ހޮސްޕިޓަލަށް ގެންދެވުނުއިރު މިހާރު ހާލަތު ހަމަޔަކަށް އެޅިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަންހެނުން މެރުމާ ދެކޮޅަށް ވަކާލާތުކުރާ “ވީ ވިލް ސްޓޮޕް ފެމިސައިޑް” ޕްލެޓްފޯމުން ވަނީ މި ހާދިސާ ކުށްވެރިކޮށްފައެވެ. އެ ޖަމާއަތުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުށްވެރިންނަށް އަދަބު ދޭން ގެންދާ ތަނެއްގައި، އެންމެންގެ ކުރިމަތީގައި އަންހެން ފަނޑިޔާރަކަށް މިފަދަ ހަމަލާއެއް ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. “ކޯޓުތަކުގެ ތެރޭގައި ވެސް އަންހެނުންގެ ގަޔަށް ބަޑި ޖެހޭ” ކަމަށް ބުނެ، މި އަމަލު ހިންގުނު ގޮތާމެދު ވަނީ ފާޑުކިޔާފައެވެ.
ތުރުކީގައި އަންހެނުން މެރުމުގެ ރެކޯޑްތައް ރަސްމީކޮށް ބަލަހައްޓާ ނަމަވެސް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ މިފަދަ މައުލޫމާތު މީޑިއާ ރިޕޯޓްތަކަށް ބަލައި އެއްކޮށްފައެވެ. “ވީ ވިލް ސްޓޮޕް ފެމިސައިޑް” އިން އެއްކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ތުރުކީގައި ފިރިހެނުން ދިން ހަމަލާތަކުގައި 294 އަންހެނުން މަރާލާފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު 297 އަންހެނެއްގެ މަރާ މެދު ޝައްކުތައް ވެސް އެބަހުއްޓެވެ. މަރާލެވުނު އަންހެނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ނުވަތަ 35 އިންސައްތަ މީހުންނަކީ ފިރިންގެ ހަމަލާތަކުގައި މަރާލާފައިވާ މީހުންނެވެ. މިފަދަ ހާދިސާތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، އަންހެނުންނަށް ކުރާ އަނިޔާއާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން (އިސްތަންބޫލް ކޮންވެންޝަން) 2021 ވަނަ އަހަރު ތުރުކީ ވަކިވި ފަހުން އެގައުމުގައި އަންހެނުންގެ މަރުތައް އިތުރުވެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ވެސް މިފަދަ ކަންކަން ހުއްޓުވުމަށް ތުރުކީ ސަރުކާރުން އަޅާ ފިޔަވަޅުތަކާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.





