ސައުދީ އަރަބިއްޔާއިން ތުރުކީގެ އިގްތިސާދަށް ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފި
އަންކާރާ (މާޗް 7) – އަންކާރާގެ މަރުކަޒީ ބޭންކަށް ފަސް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ސައުދީ އަރަބިއްޔާ އާއި ތުރުކީއާ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި އެއްބަސްވުން މިއަދު ނިންމާލައިފި އެވެ.
މި ޑިޕޮސިޓްގެ ސަބަބުން ތުރުކީގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ބުނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގެ އެއްބަނޑު އެއްބަފާ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުމާއި ތާރީހީ ގުޅުމުގެ ތެރެއިން، ތުރުކިޔޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް ގަލްފް ސަރަޙައްދާއެކު އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އަންކާރާއިން ދަނީ ބޭރު ފައިސާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
އިސްތަންބޫލްގެ ޑިނާމިކް ޔަޓިރިމްގެ އިކޮނޮމިސްޓެއް ކަމަށްވާ އެންވާ އެރްކާން އަރަބް ނިއުސް އަށް ވިދާޅުވި ގޮތުގައި ސީބީއާރްޓީގައި އިންވެސްޓް ކުރަން ހަމަޖެހިފައިވާ ފަސް ބިލިއަން ޑޮލަރުގެ ޑިޕޮސިޓަކީ ބިންހެލުމާ ގުޅިގެން ލިބުނު މާލީ ގެއްލުންތައް ހޯދުމަށާއި ކައިރިވެފައިވާ ޕާލަމެންޓަރީ އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގައި ތުރުކީގެ އިގްތިސާދަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ޑިޕޮސިޓެކެވެ.
ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް 34 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިބްތިދާއީ އަންދާޒާތަކުން ދައްކަ އެވެ.
” ތުރުކިޔޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް މި އަހަރު 30 ބިލިއަން ޑޮލަރާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ބެލެވޭތީ، ފައިނޭންސިން ވަސީލަތްތަކަކީ ވަރަށް މުހިންމު ވަސީލަތްތަކެއް. އެ ގައުމުގެ ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުގައި އަލުން އިމާރާތް ކުރުމުގެ މަސައްކަތަށް ވެސް އިގްތިސާދީ ގޮތުން ލިބޭ ގެއްލުންތަކަށް ފައިނޭންސްކޮށް، އެކްސްޗޭންޖް ރޭޓް މި މުއްދަތުގައި ސްޓޭބަލްކޮށް ބެހެއްޓުމަށް މާލީ އެހީތެރިކަން ބޭނުންވާނެ،” އެރްކާން ވިދާޅުވި އެވެ.
ތުރުކީގެ ލީރާގެ އަގު މިދިޔަ އަހަރު ޑޮލަރާ އަޅާބަލާއިރު 30 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ފާއިތުވި ފަސް އަހަރު އެ ގައުމަށް ވަނީ ބޭރު ފައިސާގެ ރިޒާވްގެ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފަ އެވެ.
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއެކު ހަކަތައިގެ އަގުއުފުލިގެން ދިއުމުގެ ސަބަބުން އެގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތުމުންނެވެ. ތުރުކީގެ ލީރާގެ އަގު ދަށަށް ދިއުމާއި އިންފްލޭޝަން ރޭޓް ތައް މައްޗަށް ދިއުމުގެ ސަބަބުން އެ ގައުމުގެ ދިރިއުޅުމުގެ ހަރަދުތަކަށް ވަނީ އަސަރުކޮށްފަ އެވެ.
ވޮޝިންޓަންގައި ހުންނަ އަރަބް ގަލްފް ސްޓޭޓްސް އިންސްޓިޓިއުޓްގެ ސީނިއާ ރެސިޑެންޓް ސްކޮލަރ ރޮބަޓް މޮގިއެލްނިކީ އަރަބް ނިއުސްއަށް ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއިން ސަރަޙައްދީ އެކްޓަރުންނާ ގުޅުން ބަދަހިކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ .
ތެޔޮ ނޫން ވިޔަފާރީގެ ޓެރިފުގެ 93 އިންސައްތަ އުނިކުރުމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބައިލެޓަރަލް ޓްރޭޑް 19 ބިލިއަން ޑޮލަރުން 40 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ތުރުކިޔޭ އާއި ޔޫއޭއީއާ ދެމެދު ފުޅާ ދާއިރާއެއްގައި އިކޮނޮމިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. ޔޫއޭއީއާ އެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ތަސްދީގު ކުރާނެ ކަމަށް ބެލެވެ އެވެ.
ބްލޫބޭ އެސެޓް މެނޭޖްމަންޓްގެ ލަންޑަންގެ އިމާޖިން މާކެޓްސް ސްޓްރެޓެޖިސްޓެއް ކަމަށްވާ ޓިމޮތީ އޭޝް ވިދާޅުވީ ސީބީއާރްޓީގައި ބޭރު ފައިސާ ޖަމާކުރުމުން ބިންހެލުމުގައި އެހީތެރިވުމުގެ ގޮތުން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށާއި ނަމަވެސް ތުރުކިޔޭގެ ފައިސާ އާއި ސިޔާސީ ހަމަޖެހުމަށް އެހީތެރިވެދޭނެ ކަމަށެވެ.
“އަޅުގަނޑަށް ހީވަނީ މި ފައިސާއިން ބިންހެލުމުން ލުޔެއް ލިބޭނެ ވަރަށް ވުރެ ސީދާ އަދި ހަރުދަނާ ގޮތްތަކެއް އެބަހުރި ކަމަށް،” އޭނާ ވިދާޅުވި އެވެ.
އޭޝް ފާހަގަކުރެއްވި ގޮތުގައި އެންމެ ފަހުގެ މާލީ އެއްބަސްވުމުގެ ސަބަބުން އިންތިހާބާ ދިމާކޮށް ހަމަޖެހުން ލިބި، ލީރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސީބީއާރްޓީއަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް އިތުރު ދައުރެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.


