ޚަބަރު

ގޮޓަބަޔާ އަށް ހުއްދަ ދިނީ ލަންކާ ސަރުކާރުން އެދިގެން: ދިވެހި ހާރިޖީ ވުޒާރާ

އިސްތިއުފާ ދެއްވާފައިވާ، ލަންކާގެ ކުރީގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އާއި އޭނާގެ އަނބިކަނބަލުން ރާއްޖެ އައި ފްލައިޓް ރާއްޖޭގައި ޖައްސަން ހުއްދަ ދިނީ ލަންކާ ސަރުކާރުން އެކަމަށް އެދުމުން ކަމުގައި ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ހާރިޖީ ވުޒާރާއިން މިހެން ބުނެފައިވަނީ ގޮތާބޭ ރާއްޖެ މަގުން ސިންގަޕޫރަށް ގޮސް އިސްތިއުފާ ދިން ފަހުން ރޭ ދަންވަރު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ހާރިޖޫ ވުޒާރާގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ގޮތާބޭ އަދި އޭނާގެ އަނބިކަނބަލުން ދަތުރުކުރި، ލަންކާ އެެއާފޯސް އަށް ޑިޕްލޮމެޓިކް ކްރިއަރެންސް ރާއްޖެއިން ދިނީ ސްރީ ލަންކާގެ ސަރުކާރުން އެކަމަށް އެދިލެއްވުމުން ކަމަށެވެ. އަދި ގޮތާބޭއާއި އޭނާގެ އަނބިކަނބަލުން ރާއްޖޭގައި މަޑުކުރެއްވީ ޓްރާންސިޓް ޕަސިންޖަރުންގެ ގޮތުގައި ކަމުގައިވެސް ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި 33 ގަޑިއިރު މަޑުކުރުމަށްފަހު ގޮތާބޭ ރާއްޖެ މަގުން ސިންގަޕޫރަށް ގޮސްފައިވާއިރު ގޮތާބޭ ރާއްޖެ އަައުމާއެކު ދިވެހި ނޫސްވެރިން ވަނީ ކަމާގުޅޭ މުއައްސަސާތަކާއި ވުޒާރާތަކާއި އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެގޮތުން އެމްއެންޑީއެފް، ހާރިޖީ ވުޒާރާ، ފުލުހުން، ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީސް ހިމެނޭހެން ސުވާލުކުރުމުން އޭރު ހާރިޖީ ވުޒާރާއިން ބުނީ އެކަމާ އެއްޗެއް ބުނަން އެވަގުތު ބޭނުން ނުވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ގޮތާބޭ ރާއްޖެ ވަޑައިގަންނަވާކަން އެނގިފައިނުވާކަމަށެވެ. ރައީސް އޮފީހާއި ފުލުުހުންނާއި އެމްއެންޑީއެފުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ގޮތާބޭ ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުން ރާއްޖޭގައި ގޮތާބޭ މަޑުކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދިނުމުން ސްރީ ލަންކާގެ އާންމުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ގޮތާބޭ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އޭނާގެ އޮފީސް މުޒާހިރީން ހިސޯރުކުރުމުންނެވެ.

އެއަށްފަހު މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެ 13 ވަނަ ދުވަހު ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖެ އައިސްވެސް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އިސްތިއުފާ ދެއްވީ އިއްޔެ ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުގައި ހުންނަވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close