ޔޫއޭއީ އާއި ތުރުކީގެ ރައީސުން، ދެޤައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި
ޔޫއޭއީ އާއި ތުރުކީގެ ރައީސުން، ދެޤައުމުގެ ގުޅުމާ ބެހޭގޮތުން ތުރުކީގެ ވެރިރަށް އަންކާރާ ގައި މަޝްވަރާކުރައްވައިފި އެވެ.
އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީ ގެ ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝައިޚް މުޙައްމަދު ބިން ޒައިދު،އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ބުދަ ދުވަހު ވަނީ އަންކާރާގައި ހުންނަ ރިޔާސީ ކޮމްޕްލެކްސްގައި ޔޫއޭއީ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ މަސްލަހަތު ތައް ޙިމާޔަތް ކުރުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ޔޫއޭއީގެ ރައީސް ޝައިޚް މުޙަންމަދު ތުރުކީއަށް ކުރެއްވި ދަތުރުފުޅަށް މަރްޙަބާ ވިދާޅުވެ، މިދަތުރުފުޅަކީ، ދެޤައުމުގެ މަޞްލަޙަތާއި، މުޅި ސަރަޙައްދުގެ މަޞްލަޙަތަށް ފައިދާހުރި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، ފާގަތި، އާ ޒަމާނެއްގެ ފެށުން ކަމުގައި ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި، އެންމެ ޚާއްޞަ ގޮތެއްގައި އިންވެސްޓްމަންޓް، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، މި ސަރަޙައްދުގެ ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށާއި، ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަށް ޓަކައި، ސަލާމަތާއި، ޞުލްޙައާއި، ހަމަޖެހުން ޤާއިމުކުރުމުގެ އަސާސްތައް އިތުރަށް ހަރުދަނާ ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.


