ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ބާވަތުގެ ޢިނާޔަތްތަކަށް، ނިމިދިޔަ މަހު އެކަނިވެސް 173.36 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މި ޚަރަދުގެ އެންމެ ބޮޑު ނިސްބަތެއް ޙިއްޞާކުރަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ އަސާސީ ޕެންޝަނެވެ. ދޮށީ އުމުރަށް އެޅުމުން ދިމާވާ މާލީ ދަތިތަކުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 27,196 ރައްޔިތަކަށް 127.91 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.
ސަރުކާރުގެ އިދާރާތަކުގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށް ޚިދުމަތްކޮށްފައިވާ 2,216 ފަރާތަކަށް، ދިގުމުއްދަތުގެ ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި 4.33 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ދައުލަތުގެ ޚިދުމަތުންނާއި ޤައުމީ ސަލާމަތާ ގުޅުންހުރި ޔުނިފޯމް އެޅި ބާރުތަކުން ޚިދުމަތް ނިންމަވާލެއްވި 4,861 ބޭފުޅަކަށް ރިޓަޔަރމަންޓް ޢިނާޔަތުގެ ގޮތުގައި 26.73 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވެއެވެ.
މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ޤާނޫނީ ގޮތުން މަހުން މަހަށް ދައްކާ ފައިސާއިން އެކުލަވާލާފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އިން 2,749 ފަރާތަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 14.39 މިލިއަން ރުފިޔާ އަންނަނީ ދޫކުރެވެމުންނެވެ. މިއީ ވަޒީފާ އަދާކުރާ ކޮންމެ މީހެއްގެ މުސާރައިންނާއި ވަޒީފާދޭ ފަރާތުން ޖަމާކުރާ ފައިސާ އިންވެސްޓްކޮށްގެން ދެވޭ ޕެންޝަނެކެވެ.
ޤައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، މަސައްކަތްކުރާ އުމުރުގައި ޕެންޝަން ފަންޑަށް ފައިސާ ރައްކާކުރުމަކީ މުސްތަޤުބަލުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހުރުމަށާއި މި ނިޒާމު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޕެންޝަން އޮފީހުން ދެކެއެވެ.
ޕެންޝަން އޮފީހުން މިހާރު 107,000 އަށްވުރެ ގިނަ މެންބަރުންގެ ރިޓަޔަރމަންޓް އެކައުންޓްތައް ބަލަހައްޓަމުން އަންނައިރު، ފަންޑުގެ ޖުމްލަ ސާފު އަގު ވަނީ 27.94 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ފަންޑުގެ ބޮޑު ބައެއް އިންވެސްޓްކޮށްފައިވަނީ ސަރުކާރުގެ ޓްރެޜަރީ ބިލްތަކާއި ބޮންޑު ފަދަ ރައްކާތެރި މާލީ ވަސީލަތްތަކުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...