ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (ނުވަވަނަބައި)
ކުރެވުނު ފާފައިގެ ތެރޭގައި މީހެއްގެ ޙައްޤެއް ވާނަމަ، އެ ޙައްޤު އޭގެ ވެރިމީހާއަށް ހަވާލު ކުރުމަކީ، ތައުބާ ވުމުގެ ޝަރުޠެކެވެ. މި ޝަރުޠު ފުރިހަމަ ނުވާނަމަ ތައުބާއެއް ނުވެވޭނެއެވެ.
މީހެއްގެ ޙައްޤަކީ ކޮބައިތޯ ބަލާއިރު، ފަހަރެއްގާ މި ޙައްޤަކީ މާއްދީ ޙައްޤަކަށް ވެސް ވެދާނެއެވެ. އަދި އެއީ މަޢްނަވީ ޙައްޤަކަށް ވެސް ވެދާނެއެވެ. މާއްދީ ޙައްޤަކީ މިސާލަކަށް ވަގަށް ނެގި ފައިސާ ނުވަތަ މުދާ، ފޭރިގަތް ބިން، އަނބުރާ ދައްކަން ނަގާފައިވާ ފައިސާ، ހަލާކު ކުރި މުދަލުގެ ބަދަލު، ދަރިފުޅަށާއި އަނބިމީހާއަށް ކުރަންޖެހޭ ޚަރަދު، ވަގަށް ބޭނުން ކުރި ކަރަންޓުގެ އަގު، ފަދަ އެއްޗެހި އޭގެ އޭގެ ޙައްޤު ވެރިންނަށް އަނބުރާ ދިނުމެވެ.
މަޢްނަވީ ޙައްޤަކީ، މީހަކާ ދިމާލަށް ޤަޛްފު ކުރުން (ޒިނޭގެ ތުހުމަތު ކުރުން)، މީހެއްގެ އަބުރަށް ހުތުރު އެރުވުން، ޢާއްމު ޝަޚްޞިއްޔަތަކާ ބެހޭ ގޮތުން ނޫހުގައި ނުވަތަ މަޖައްލާގައި ޖެހި ޙަޤީޤަތެއް ނެތް ވާހަކަ، ދެމަފިރިންގެ ދެމެދަށް ވަދެ އުފެއްދި ފިތުނަ، ބުނި ޣީބަ، މީހަކާ ދިމާލަށް ކީ ހުތުރު އެއްޗެހި ފަދަ ކަންކަމެވެ. މި ފަދަ ކަމެއް ކޮށްފައި ތައުބާ ވެވޭނީ، މި ކަންތަކުގެ ސަބަބުން އަނެކާއަށް ލިބުނު މަޢްނަވީ ގެއްލުމަށް މާފަށް އެދި ޙައްޤު ކެނޑުވުމުންނެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ މީހެއްގެ ޙައްޤު އަދާ ކުރާނީ ކިހިނެއްހެއްޔެވެ؟ ވައްކަން ކޮށްފައި ތައުބާ ވާން ވީމާ، ނެގި އެތީގެ ވެރި މީހާ ކުރިމައްޗަށް ގޮސް ފަޟީޙަތް ވެގަންންނާނީހެއްޔެވެ؟ ކޮންމެހެން ފަޟީޙަތް ވެގަންނާކަން ނުޖެހެއެވެ. މިސާލަކަށް، ފިހާރައަކުން ޒުވާން ކުއްޖަކު ވައްކަން ކޮށްފައި އޮވެދާނެއެވެ. މިއީ ވަރަށް ޢާއްމު ކަމެކެވެ. ނަމަވެސް ބޮޑުވެގެން، ނުވަތަ އެއީ ޙަރާމް ކަމެއް ކަން އެނގުނީމާ ތައުބާން ވާން ހެދިދާނެ އެއް ގޮތަކީ، އެ ނެގި އެއްޗެއްގެ އަގު އެ ފިހާރައަށް ކޮންމެވެސް ގޮތަކުން ފޮނުވާލުމެވެ. ސިޓީ އުރައަކަށް ލާފައި، މި ފައިސާއަކީ މިވެނި މިވެނި އެއްޗެކޭ ކިޔާފައި، ޕޯސްޓު ކުރެވިދާނެއެވެ. އޮފީހުން ނަހަމަ ގޮތަކަށް ފައިސާ ނަގާފައި ވާނަމަ، އިދާރީ ފަސާދައާއި ދެކޮޅަށް މަސައްތް ކުރަން އުފެއްދިފައިވާ އޮފީހަށް އެ ފައިސާ ފޮނުވިދާނެއެވެ.
މީހުންގެ ޙައްޤުތަކަށް އެރިފައިވަނީ ސީދާ ކިހާ ވަރަކަށް ކަން، ނޭނގެންޏާ ގާތްގަނޑަކަށް ލަފާ ކުރާ މިންވަރެއް ރައްދު ކުރާށެވެ. ބޮޑަށް ތަޤުވާވެރި ވާ މީހަކު މި ހާލަތުގައި ހަދާނެ ގޮތަކީ، ޔަޤީނުންވެސް މަދު ނުވާ ވަރަށް ރައްދު ކުރުމެވެ. ނެގި އެއްޗެއްގެ ވެރި މީހާ މަރުވެއްޖެ ނަމަ، އެ ރައްދު ކުރަން ޖެހޭނީ އޭނާގެ ވާރުތަ ވެރިންނަށެވެ.
ނެގި އެތީގެ ވެރި މީހާ އަކީ ކާކު ކަން ނޭނގެންޏާ، ޖެހޭނީ އެ ފައިސާ ނުވަތަ އެއްޗެއް ކޮންމެވެސް ހެޔޮ ގޮތެއްގައި ހޭދަ ކޮށްލާށެވެ. ޔަތީމު ކުއްޖަކަށް، ފަޤީރަކަށް، ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ޚައިރީ ޖަމްޢިއްޔާއެއްފަދަ ތަނަކަށް ދޭނީއެވެ. ދޭނީ އޭގެ އަސްލު ވެރި މީހާގެ ފަރާތުން ދޭ އެއްޗެއްގެ ނިޔަތުގައެވެ. އަމިއްލައަށް ދޭ ޞަދަޤާތެއްގެ ނިޔަތަކު ނޫނެވެ.
ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، މީހުންގެ ޙައްޤަކީ އަދާ ނުކުރާހާ ހިނދަކު، ކިތަންމެ ދުވަހެއް ވިޔަސް ވެއްޓިގެން ނުދާނެ އެއްޗެއް ކަމެވެ. ﷲ ގެ މަގުގައި ޝަހީދުވެގެން ދާ މީހާގެ ހުރިހާ ފާފައެއް ﷲ ފުއްސަވައިފި ކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައި، ހިނދުކޮޅަކުން ވިދާޅުވީ ޖިބްރީލްގެފާނު ވަޑައިގެންފައި ޝަހީދުގެ ބޮލުގައި ދަރަންޏެއް އެޅިފައި ވާނަމަ އެ ފާފަ ނުފޮހެވޭނެ ކަމަށް އަންގަވައިފި ކަމަށެވެ. އަދި އެހެން ފަހަރު ޞަޙާބީބޭކަލަކު އަވަހާރެވެގެން އޭނާގެ މައްޗަށް ރަސޫލާ ކަށުނަމާދު ކުރައްވަންވެސް ދެކޮޅު ހެއްދެވިއެވެ. ދެން އެހެން ޞަހާބީއަކު އޭނާގެ އެ ދަރަނި އަދާ ކުރަން ޖާމިނު ވުމުން ނަމާދު ކުރެއްވިއެވެ.
އަދި ޤިޔާމަތް ދުވަހު، މީހަކު ކިތަންމެ ހެޔޮ ކަމެއް ކޮށްގެން ގޮސް ހުރި ކަމުގައި ވިޔަސް، އެހެން މީހުންގެ ޙައްޤަށް އަރާފައި ވާނަމަ، އޭނާގެ ހެޔޮކަމުން ނަގާފައި މީސްތަކުންގެ ޙައްޤު އަދާ ކުރެވޭނެވެ.
ވީމާ ތައުބާ ވުމުގެ ކުރުން މީހުންގެ ޙައްޤުތައް އޭގެ ވެރި ފަރާތަށް ރައްދު ކުރުމަކީ ކިހާ މުހިއްމު ކަމެއްކަން، އެބަ އެނގެއެވެ.
(ނޯޓް: މިބައިގައި ގެނެސްދީފައި މިވަނީ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއް ލަޠީފް ލިޔުއްވާފައިވާ އާރޓިކަލުން ނަކަލް ކުރެވިފައިވާ ބައެކެވެ.)
(ނުނިމޭ)
މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް
މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް
މި ލިޔުމުގެ ތިންވަނަބައި ކިޔާލުމަށް
މި ލިޔުމުގެ ހަތަރުވަނަބައި ކިޔާލުމަށް
މި ލިޔުމުގެ ފަސްވަނަބައި ކިޔާލުމަށް
މި ލިޔުމުމުގެ ހަވަނަބައި ކިޔާލުމަށް