ދީން

ދަތުރުވެރިޔާއަށް އެންމެ ރަނގަޅީ ރޯދަ ދޫކޮށްލުންތަ؟ ރޯދަ ހިފުންތަ؟

އިސްލާމްދީނުގައިވާ ޙުކުމްތަކާއި މަޤްޞަދުތަކުގައި އަޅުތަކުންގެ މަޞްލަޙަތުވާކަމެވެ. އޭގައިވަނީ އަޅުތަކުންނަށް ހެޔޮގޮތެވެ. އަދި ނުބައިކަންތައްތަކުން ރައްކާތެރިކޮށްދިނުމެވެ. އަދި ދީނާއި ދުނިޔޭގެ ކަންކަން ފަސޭހަ ކޮށްދިނުމެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ، كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ» [الإمام أحمد في “المسند”]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ދެއްވާފައިވާ ލުއިކަމުގައި (މީސްތަކުން) ހިފުމަށް އެއިލާހު ލޯބިވެވޮޑިގެންވެއެވެ. އެއީ އެއިލާހު ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް (އެބައިމީހުން) އަރައިގަތުމަށް އެއިލާހު ނުރުހުންތެރިވެވޮޑިގަންނަވާ ފަދައިންނެވެ.”

ދަތުރުވެރިޔާގެ ރޯދައާއިމެދުގައި ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލުތަފާތުވެފައެވެ. އިމާމު އަބޫޙަނީފާއާއި، އިމާމު މާލިކާއި، އިމާމު ޝާފިޢީގެ އަރިހުގައި ދަތުރުމަތީގައި ރޯދަހިފުމަށް ކުޅަދާނަވެގެންވާ މީހާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ ރޯދަހިފުމެވެ. އަދި ރޯދަހިފުމަށް އުނދަގޫވާ މީހާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ ރޯދަ ދޫކޮށްލުމެވެ.”

އަދި އިމާމު އަޙުމަދުގެ އަރިހުގައި ހުރިހާ ޙާލަތެއްގައިވެސް ދަތުރުވެރިޔާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ ރޯދަ ދޫކޮށްލުމެވެ.
ޢުމަރު ބުނު ޢަބްދުލް އަޒީޒު ވިދާޅުވެފައިވެއެވެ. ދަތުރުވެރިޔާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ ދެގޮތުންކުރެ، އޭނާއަށް އެންމެ ފަސޭހަ ގޮތެވެ. އެވަގުތު ރޯދަހިފުން އޭނާއަށް ފަސޭހަވެފައި، ދޫކޮށްލާ ރޯދަ ފަހުން ޤަޟާކުރަން އޭނާއަށް އުނދަގޫވެދާނެ ކަމަށް ހީވާނަމަ، އޭނާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ ރޯދަހިފުމެވެ.


އަލްއިމާމް ޝައުކާނީ رحمه الله ވިދާޅުވެފައިވެއެވެ. އެންމެ އައުލާވެގެންވާ ގޮތަކީ ދަތުރުމަތީގައި ރޯދަހިފަން އުނދަގޫވެފައި، އަދި ރޯދައިގެ ސަބަބުން ގެއްލުމެއްވެދާނެ ކަމަށް ހީވާމީހާ ރޯދަ ދޫކޮށްލުމެވެ. އަދި ދަތުރުމަތީގައި ލިބިފައި އެވާ ލުޔަށް (އެބަހީ ރޯދަ ދޫކޮށްލުމަށް ލިބިފައި އެވާ ހުއްދައަށް) ފުރަގަސްދޭ މީހާއަށްވެސް އައުލާވެގެންވަނީ ރޯދަ ދޫކޮށްލުމެވެ. އަދި ދަތުރުމަތީގައި ރޯދަހިފުމުން ދެއްކުންތެރިކަމެއް ވެރިވެދާނެ ކަމަށް ބިރުހީވާ މީހާއަށްވެސް އައުލާވެގެންވަނީ ރޯދަ ދޫކޮށްލުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close