ދީން

ކައިވެނިތައް “ރިސްކުގައި” ކީއްވެ؟

އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަކީ އާބާދީ ވަރަށް ކުޑަ ޤައުމެކެވެ. މިކުޑަ ކުޑަ އާބާދީގެ ތެރޭގައި ކުރެވޭ ވަރީގެ ނިސްބަތް އިންތިހާއަށް ގިނަވެފައިވާ ކަމީ ހިތާމަ ކޮށް ލަދުގަންނަށް ޖެހޭ ކަމެކެވެ.

ކައިވެނީގެ ޝަރުޢީ ގޮށުން ގޮށްޖެހި އެކުގައި އުޅެމުން ދާއިރު ތިބާގެ ކިބައިން ތިބާގެ ބައިވެރިޔާއަށް އަދާކޮށްދީ، ފުރިހަމަކޮށްދޭން ޖެހޭ ހައްޤުތަކެއް ވާކަން ދަންނަމުތޯއެވެ؟ އަނބިމީހާ ފިރިމީހާއަށް އަދާ ކޮށްދޭން ޖެހޭ ހައްޤުތަކެވެ. ފިރިމީހާ އަނބިމީހާއަށް އަދާ ކޮށްދޭން ޖެހޭ ހައްޤުތަކެވެ.

އަނބިމީހާގެ ހައްޤުތަކަކީ މިއޭ ބުނެލަން އެނގޭ ކިތަށް ފިރިން އުޅޭނެބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަދި އެހައްޤުތައް ކިޔައިލަދޭން އެނގުނަސް، އެ ހައްޤުތަށް ވީމިންވަރަކުން ފުރިހަމަ ކޮށްދެވޭތޯ ތިމާ މަސައްކަތް ކުރަމޭ ތެދުވެރިކަމާއި އެކު ބުނެލަންކެރޭނީ ކިތަށް ފިރިންނަށް ބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

އިންސާނުންނަށް ވީތީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ޒަވާޖުގެ ގޮށުން ގޮށްޖެހި ދިރިއުޅުމުގެ ދަތުރާއިގެން ކުރިއަށް ދާއިރު ދެމީހުންނަށް ވެސް ކުށް ކުރެވި ގޯސް ތަކެއް ހެދިދާނެއެވެ.

ފިރިންނަށް ގޯސްހެދި ކުށް ކުރެވެއެވެ. އަދި އެޙާލަތުގައި މުޖުތަމަޢު ބާރު އަޅަނީ އަނބިމީހާ ފިރިމީހާއަށް މަޢާފުކުރުމަށެވެ. އަދި ދިރިއުޅުން ރިވެތި ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. ފިރިމީހާ ވީތީ އޭނާ ހަދާ ގޯސްތަކަށް އަނބިމީހާ ކެތްރިވެއެވެ. ފިރިމީހާ ވީތީއެވެ. އިންސާނުންނަށް ވީތީ ކުށް ކުރެވޭނެތީއެވެ.

އަނބިންނަށް ކުށް ކުރެވުމުން މުޖުތަމަޢުގެ މަޢާފު ދިނުމުގެ ޤާއިދާއަށް ބަދަލުއާދެއެވެ. އަނބިމީހާއަށް މަޢާފު ދިނުމުގެ ބަދަލުގައި ކުރެވުނު ކުށެއް ނުވަތަ ހެދުނު ގޯހުގެ ސަބަބުން ފިރިމީހާގެ ނަފްރަތު ލިބި މަޢާފު ނުލިބޭ ކުށްވެރިއަކަށް އަނބިމީހާ ވެގެން ދެއެވެ. މުޖުތަމަޢުގެ ލޯތަކުން އޭނާއަށް ނަފްރަތުގެ ނަޒަރު ދޭންފަށައެވެ. ހޮޅުއަށި ތަކާއި ކޮފީ މޭޒުތަކުގައި އެ އަންހެނެއްގެ ވާހަކަ ދެކެވި “ޖަޖް” ކުރެވެން ފަށައެވެ.

ނަމަވެސް މަތިވެރި ވެގެންވާ އިސްލާމް ދީނުގައި އޮތީ ކިހިނެއްތޯއެވެ؟

އަޅުގަނޑުމެންގެ އެންމެ ފުރިހަމަ ނަމޫނާ އަޅުގަނޑުމެންނަށް ގޮވައިލަނީ ކޮން މަގަކަށްތޯއެވެ؟ ތިމާގެ އަނބިމީހާއަށް ހެދޭ ގޮސްތަކާއި ކުށް ތަކަށް މަޢާފު ކުރުމަށެވެ. އޭނާގެ ކިބައިގައިވާ އުނި ކަންކަމާއި މެދު ކެތްތެރިވުމަށެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރަށްވައިފައިވަނީ (އަންހެނުންނާއި މެދު ހެޔޮކޮށް ހިތުމަށެވެ. ހަމަކަށަވަރުން އަންހެނާ އުފައްދަވާފައިވަނީ އަރިކަށީގެ ކަށިކޮޅަކުންނެވެ. (ފަހެ އެކަށިކޮޅަކީ އަރިކަށީގެ އެންމެ ގުދުކަން ބޮޑު ކަށިކޮޅެވެ.) އެކަށިކޮޅު ސީދާ ކުރުމަށް ހިފަލައިފިނަމަ އެކަށިކޮޅު ބިންދައިގެން ހިނގައިދާނެއެވެ.)

އަންހެނާއަށް ކުރެވޭ ކުށްތަކާއި ހެދޭ ގޯސްތަށް ބަލައިގަނެ އޭނާގެ އުނިސިފަތަކަށް ކެތްތެރިވާން ފިރިހެނުންވެސް ޖެހެއެވެ. އޭގެ ބަދަލުގައި އެގޯހުގެ ސަބަބުން އޭނާ އަށް ދެވަނަ ފުރުޞަތެއް ނުލިބި ނުވަތަ މަޢާފް ނުލިބި ވާނަމަ އެކަމުން ނުކުންނާނެ ނަތީޖާ ހިތިވާނެއެވެ. ނަފްސާނީ އުނދަގުލެއްގެ ތެރެއަށް އަނބިން ވެއްޓޭ ފަހަރުވެސް މަދެއްނޫނެވެ.

އަނބިމީހާގެ އުނި ސިފަތަކާއިމެދު ފިރިމީހާ ކެތްތެރި ވާންޖެހެއެވެ. އެކަންކަމާއި މެދު ކެތްތެރިނުވެ އެކަން ކަން އިސްލާހް ކުރުމަށް ބާރު އަޅައި މަޖުބޫރު ކުރާނަމަ އެކަން ބަދަލުވުމާއި އިސްލާޙު ވުމުގެ ދިމާ އިދިކޮޅަށް ހިފައިލައެވެ.

ކައިވެނީގެ ގުޅުމަކީ އެގުޅުމެއް ލޯތްބާއި މަވައްދަތުގެ މައްޗަށް އުފެދިގެންދާ ގުޅުމެކެވެ. ދެމަފިރިން އެކަކު އަނެކަކުގެ ކިބައިން ލޯބި ލިބިގަނެ އެކަކު އަނެކަކަށް އަރާމާއި ހިތްހަމަ ޖެހުން ދިނުމުގެ މައްޗަށް މިގުޅުން ބިނާވެގެން ދާއިރު މިމުޖުތަމަޢުގައި ރޫޅިގެންދާ ކައިވެނި ތަކުގައި ޖެހޭ މައްސަލައަކަށް މިކަން ވެސް ވެފައި އެބައޮތެވެ.

އަނބިމީހާގެ ކިބައިން ހިތްހަމަ ޖެހުމާއި އުފާ ލިބިގަތުމުގައި ފިރިމީހާ އަނިޔާވެރިވާ ޙާލަތްތަށް ގިނައެވެ. އަދި ދެމެފިރިންގެ ދެމެދުގައި އޮންނަ ދެމަފިރިކަމުގެ ގުޅުމަކީ ނުވަތަ އެކަކު އަނެކަކުގެ ކިބައިން އަރާމު ލިބިގަތުމުގެ މާނަ ވަނީ ގިނަ ބަޔަކަށް އޮޅިފައެވެ. އެހައްޤު އިސްލާމް ދީނުގައި ދެއްވައިފައިވަނީ ހަމައެކަނި ފިރިންނަށޭ ހީވެ ޤަބޫލު ކުރާ މީހުން މި މުޖުތަމަޢުގައި އެބަ އުޅެއެވެ. ފިރިމީހާ އެއްދާން ކުރަން އެދުމުން އެކަމަށް އިންކާރު ކުރާ އަންހެނާއަށް ލަޢުނަތް ލެއްވުމަށް އެދި މަލާއިކަތް ބޭކަލުން ފަތިސް ވުމާއި ހަމައަށް ދުޢާ ދަންނަވާނެ ވާހަކަ ގިނަ ބަޔަކަށް ދެކެވެއެވެ.

ނުދެކެވޭ ވާހަކަ އަކީ އަނބިމީހާ އެކަށް އެދި ބުނުމުން އިންކާރު ކުރާ ފިރިހެނާ އަނބިމީހާގެ ހައްޤަކަށް އަރައިގަތް ވާހަކައެވެ. ނުދެކެވޭ ވާހަކައަކީ އަނބިމީހާގެ ކިބައިން މަވައްދަތާއި އަރާމު ލިބިގަތުމުގައި އަނބިމީހާގެ ކުޅަދާނަކަން ހުރި މިންވަރަށް ބަލަން ޖެހޭ ކަމެވެ. ނުދެކެވޭ ވާހަކައަކީ ވަލު ޖަނަވާރުން ފަދައިން ތިމާގެ އެދުން ފުދުމުން އަނބިމީހާ އެނދުމައްޗަށް ދޫކޮށްލާ ފިރިންގެ ވާހަކައެވެ.

ފިރމީހާގެ އެދުމަށް އަނބިމީހާ އެއްދާން ކުރުމާއި އެކަމުގައި، ފިރިމީހާ އަނބިމީހާއަށް އޯގާތެރިވުމާއި ލައްޒަތު ޙާސިލް ކުރުމާއި ލައްޒަތު ދިނުމުގެ އުސޫލެއް އިސްލާމް ދީނުގައި ވާކަން ގިނަބަޔަކު ވަނީ ހަނދުމަނައްތައިލައިފައެވެ.

ދަންނަންވި ކަމަކީ އިސްލާމް ދީނުގައި އޮންނަ އުސޫލާއި ހަމައެވެ. މާތްވެގެންވާ ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅުގައިވަނީ (ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާންގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާންގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ.)21 سورة الروم

ﷲތަޢާލާގެ މިބަސްފުޅަށް ނަޒަރު ހިންގާލުމުން އެނގިގެން ދަނީ އަނބިންގެ ކިބައިން ލައްޒަތާއި ހަމަހިމޭން ކަން ލިބިގަތުން ހުއްދަ ކަމެވެ. އަދި ލޯތްބާއި އޯގާވެރި ކަމުގެ ވާހަކަ އައިސްފައިވާއިރު އެއިން އަނބިންގެ ކިބައިން ލައްޒަތު ޙާސިލް ކުރުމުގައި އަނިޔާވެރި ނުވުން ވާކަން އަންގައި ނުދޭތޯއެވެ؟ ވިސްނައިލަމާތޯއެވެ؟ އަނބިންނާއި ފިރިންނަކީ އެކަކު އަނެކަކަށް އަދާ ކޮށްދޭންޖެހޭ ހައްޤުތަކެއް ވާބައެކެވެ. ހަމަ އެފަދައިން އެކަކު އަނެކަކަށް އަނިޔާވެރިވުމުން ދުރުހެލިވާންޖެހެއެވެ. އަދި ހަމައެފަދައިން އެކަކު އަނެކަކަށް އޯގާތެރިވުމާއި ލޭފަވަތިކަން އިސްކުރަންޖެހެއެވެ. ﷲތަޢާލާ ޠާހިރު ގޮތުގައި ލެއްވެވި މިގުޅުން އެގޮތުގައި ބާއްވަމާތޯއެވެ؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close