ދީން

ތައުބާ ނަމާދު ކުރަންވީ ކޮންކަހަލަ ފާފައެއް ކުރެވުމުން، އަދި އެނަމާދުގެ ވަގުތަކީ ކޮބާ؟

ކިތަންމެ ބޮޑު ފާފައެއް ނުވަތަ ކިތަންމެ ކުޑަ ފާފައެއް މުސްލިމަކަށް ކުރެވުމުންވެސް ތައުބާ ނަމާދު ކުރެވޭނެއެވެ. އެހެނީ އެއިން ކޮންމެ ފާފައަކީވެސް ވީ އެންމެ އަވަހަކަށް ތައުބާވާންޖެހޭ ފާފަތައް ކަމަށްވާތީއެވެ. ވީމާ, ކޮންމެ ފާފައެއް ކުރެވުނަސް މި ދެ ރަކުޢަތްކޮށް ތައުބާވުން ސުންނަތްވެގެންވެއެވެ. އެއީ އެނަމާދު މެދުވެރިކޮށް އަޅާގެ ތައުބާ ޤަބޫލުކުރައްވާ ފާފަތައް ފުއްސެވުމުގެ ފޮނި އުންމީދުގައެވެ.

  1. ތައުބާ ނަމާދުގެ ވަގުތަކީ ކޮބާ؟
    މުސްލިމް އަޅާ ތައުބާވުމަށް އަޒުމްކުރާހިނދު މި ނަމާދު ކުރުން މުސްތަޙައްބުވެގެންވެއެވެ. އެއީ ހަމަ ފާފަކުރެވުމާއިއެކު ވިޔަސް ނުވަތަ އޭގެ ފަހުން ވިޔަސްމެއެވެ. އަދި ފާފައެއް ކުރެވިއްޖެނަމަ އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ތައުބާވުމަށް އަވަސްވެގަތުމެވެ. އެކަމަކު ނޭގުމުގެ ސަބަބުން ދިމާވެގެން ނުވަތަ ކަމެއް ދިމާނުވެ ތައުބާވުން ލަސްކުރެވުނަސް އަންނަނިވި ޙާލަތްތައް މެދުވެރި ނުވާނަމަ އޭނާގެ ތައުބާ ޤަބޫލު ކުރެވޭނެއެވެ. އެޙާލަތްތަކަކީ:

ހ. ފުރާނަ ނޭވާހޮޅިއަށް އެޅުން: ރަސޫލުالله ﷺ ޙަދީޘްކުރެއްވިއެވެ. ( إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ ) حسنه الألباني في صحيح الترمذي (3537)

މާނައީ: “ހަމަކަށަވަރުން ނޭވާހޮޅިއަށް އެޅުމުގެ ކުރިން ތައުބާވެއްޖެ އަޅާގެ ތައުބާ الله ޤަބޫލުކުރައްވައެވެ.”

ގުޅުންހުރި ލިޔުންތައް

ށ. ހުޅަނގު ފަރާތުން އިރުއެރުން: ރަސޫލުالله ﷺ ޙަދީޘްކުރެއްވިއެވެ. ( مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللَّهُ عَلَيْهِ ) رواه مسلم (2703)

މާނައީ: “ހުޅަނގު ފަރާތުން އިރުއެރުމުގެ ކުރިން ތައުބާވެއްޖެ މީހާގެ މައްޗަށް الله ތައުބާ ލައްވައެވެ.”

އަދި ތައުބާ ނަމާދު ހުރިހާ ވަގުތެއްގައުވެސް ކުރެވޭނެއެވެ. އެއީ ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތުތައްކަމުގައިވިޔަސްމެއެވެ.(މިސާލަކަށް ޢަޞްރުނަމާދު ފަހުން ވިޔަސް މި ނަމާދު ކުރެވޭނެއެވެ.) އެއީ މި ނަމާދަކީ ސަބަބެއް ދިމާވުމުން ކުރާ ނަމާދަކަށް ވާތީއެވެ.(ބައްލަވާ“مجموع الفتاوى” (23/215))

2. ތައުބާ ނަމާދު ކުރާނީ ކިހިނެއް؟
ތައުބާ ނަމާދަކީ ދެ ރަކުޢަތުގެ ނަމާދެކެވެ. މި ދެ ރަކުޢަތް ކުރާނީ އެކަނި ހުރެއެވެ. އެހެނީ މިއީ ޖަމާޢަތް ހެދުން ޝަރުޢުވެގެންނުވާ ސުންނަތް ނަމާދެކެވެ. އަދި ދެރަކުޢަތް ކޮށް ނިމި ސަލާމްދިނުމަށް ފަހު الله ގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދެންނެވުން ސުންނަތް ވެގެންވެއެވެ.

މި ދެ ރަކުޢަތުގައި ވަކި ޚާއްޞަ ސޫރަތެއް ކިޔެވުމަށް ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެގެން އައިސްފައި ނުވެއެވެ. އެހެން ކަމުން ދެ ރަކުޢަތުގައިވެސް ސޫރަތުލް ފާތިޙާއަށް ފަހު ބޭނުން ސޫރަތެއް ކިޔެވިދާނެއެވެ.
މި ނަމާދު ކުރުމާ އެކު ގިނައިން ހެޔޮޢާމަލުތައް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. މާތް الله ވަޙީކުރެއްވިއެވެ. ﴿وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى﴾‏ طـه/82 .

“ތައުބާވެ އީމާންވެ ޞާލިހުޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.”

ތައުބާވާ މީހާއަށް ކުރެވޭނެ ހެޔޮޢާމަލުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކަމަކީ ޞަދަޤާތް ކުރުމެވެ. އެހެނީ ޞަދަޤާތް ކުރުމަކީ ފާފތައް ފޮހެވިގެންދާ ކަންކަމުން އެންމެ މަތިވެރި އެއްކަމެވެ. މާތް الله ވަޙީކުރެއްވިއެވެ. ﴿إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ﴾‏ . البقرة ٢٧١

“(ވާޖިބު ނޫން) ޞަދަޤާތްތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ.”

އަދި ހަމަ އެފަދައިން ކަޢުބު ބުން މާލިކު އެކަލޭގެފާނަށް މާތް الله ތައުބާ ލެއްވުމުން އެކަލޭގެފާނުވެސް އެކަލޭގެފާނުގެ މުދާ ޞަދަޤާތްކުރުމަށް އަވަސްވެގަތެވެ.

އައްޝައިޚް ޢަބްދުﷲ ޙާމިދު ގެ ލިޔުއްވުމަކުން ނަގާފައި

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close