ދީން

ޙޫރުލްޢީނުން (އަށްވަނަބައި) – ޖަންނަތުގެ އަހުލުވެރިއަކަށް އޭނާގެ އަނބިމީހާގެ ހެދުމުގެ ތެރެއިން ފެންނާނެއެވެ.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ أَوَّلُ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ، وَالَّذِينَ عَلَى آثَارِهِمْ كَأَحْسَنِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ إِضَاءَةً، قُلُوبُهُمْ عَلَى قَلْبِ رَجُلٍ وَاحِدٍ، لاَ تَبَاغُضَ بَيْنَهُمْ وَلاَ تَحَاسُدَ، لِكُلِّ امْرِئٍ زَوْجَتَانِ مِنَ الْحُورِ الْعِينِ، يُرَى مُخُّ سُوقِهِنَّ مِنْ وَرَاءِ الْعَظْمِ وَاللَّحْمِ ‏”‏‏.‏

މާނައީ، އަބޫ ހުރައިރާ رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ޖަންނަތަށް ވަންނަ ފުރަތަމަ ޖަމާޢަތުގެ މީހުންގެ ޞޫރަ، ސާދަވިލޭރޭގެ ހަނދުފަދައެވެ. ދެން ވަންނަ ޖަމާޢަތް އުޑުން ފެންނަ އެންމެ އަލިގަދަ ތަރި ފަދައެވެ. އެއިގެ ތެރެއިން ކޮންމެ މީހަކަށްވެސް (މަދުވެގެން) ދެ އަނބިން ވެއެވެ. އެއަންހެނުންގެ ކަށިމަތީގެ ދޮންކަން، ހަންގަނޑުގެ ތެރެއިން ފެންނާނެއެވެ.” އަދި އަލްޙަސަން رضى الله عنه ގެ ކިބައިންވާ އެހެން ރިވާޔަތެއްގައި ވެއެވެ. “ޖަންނަތުގައި މީހަކާއި ނުއިންނަ މީހަކު ނުވާހުއްޓެވެ.”

[ މުއްތަފަޤުން ޢަލައިހި – ޞަޙީޙުލް ބުޚާރީ: 3254 އަދި ޞަޙީޙް މުސްލިމް: 7147]

ޢަބްދުﷲ ބިން މަސްޢޫދު رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “(ޖަންނަތުގެ އަހުލުވެރީންގެ ތެރެއިން) ކޮންމެ މީހަކަށްމެ ޙޫރުލްޢީނުންގެ ތެރެއިން ދެއަނބިން ވެއެވެ. ކޮންމެ އަންހެނެއްގެ ގައިގައި ހަތްދިހަ (އެކިވައްތަރުގެ) ހެދުންވެއެވެ. މިހެދުންތަކުގެ ތެރެއިންލާފައި އެއަންހެނުންގެ ހަންގަނޑުގެ ތެރެއިން ކަށިމަތީގެ ހުދުކަން ފެންނާނެއެވެ. އެއީ ހުދު ބިއްލޫރި ތައްޓެއްގައި ހުރި ރަތްކުލައިގެ ބުއިމެއް ފެންނަ ފަދައިންނެވެ.

[رواه الطبراني وقال الضياء رحمه الله: هذا عندي على شرط الصحيح – صفة الجنّة لإبن كثير: 117 – وقال المنذري رحمه الله: إسناد صحيح ورواه البيهقي يا سناده حسن – الترغييب: 529/4 – وقال الهيثمي رحمه الله: رواه الطبراني في الأوسط وإسناد ابن مسعود صحيح – المجمع: 411/0]

އެގޮތުން ބޭރުފުށުން ވިސްނާލާއިރު، ފަހަރެއްގައި މީހަކަށް ކަށިމަތީގެ އެތެރެއިން ކަށިގަނޑު ފެނުމަކީ ހުތުރުކަމެއްކަމަށް ހީކޮށްފާނެއެވެ. އެކަމަކު، ޙަދީޘުން އެނގޭގޮތުގައި، އެހެން އެގޮތަށް ފެނުމީ އެއަންހެނާގެ ރީތިކަމުގެ ފުރިހަމަކަމުންވާ ކަމެއްކަން އެނގެއެވެ. އެއީ އެއްގޮތަކަށްވެސް ހުންނަ އުނި ސިފައެއްގެ ސަބަބުން ނޫންކަން އެނގެއެވެ. މި ޞިފަ ބަޔާންކޮށްދީފައިވުމުގެ މަޤްޞަދަކީ ޖަންނަތުގެ އަންހެނުންގެ ހަންގަނޑުގެ މަޑުކަމާއި، އޮމާންކަމާއި، ސާފުކަން ދޭހަކޮށްދިނުމެވެ. އެއަންހެނުންގެ ހެދުންތަކުގެ ތެރެއިން ދެނުމުގެ އަނެއް ފައިދާއަކީ، އެތެރޭގެ ރީތިކަމާއި ބޭރުގެ ރީތިކަން އެއްފަހަރާ އޭނާއަށް ފެނި، އުފަލާއި ހިތްހަމަ ޖެހުން ލިބުމެވެ.

ޖަންނަތުގެ އަންހެނުންގެ އުރަމަތީގެ ބޮޑުކަން

އައްނަބާ ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَكَوَاعِبَ أَتْرَابًا ‎﴿٣٣﴾

މާނައީ ” އަދި އެއް ޢުމުރު ފުރައިގެ ޒުވާން އަންހެނުންނެވެ.”

އެގޮތުން، ޖަންނަތުގެ އަންހެނުންގެ އުރަމަތިތައްވަނީ، ބޮޑެތިކޮށް، ވަށްކޮށް އަންނާރު ފަދައިންނެވެ. އަދި ދުވަހަކުވެސް މުސްކުޅިވުމެއް، ނުވާތީ، އެއަންހެނުންގެ އުރަމަތިތައް ދޫވެގެން ވެއްޓުން ފަދަކަމެއް ނުވާނެއެވެ.

(ނުނިމޭ)

މި ލިޔުމުގެ އެހެނިހެން ބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close