ޙޫރުލްޢީނުން (ވިހިވަނަބައި) – ޝަހީދުވެފައިވާ ފިރީންނާއި ބައްދަލުކުރުމަށް ޙޫރުން ދަހިވެތިވެ ޝަޢުޤުވެރިވުން
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ގެ އަރިހުގައި ޝަހީދުންގެ ވާހަކަ ޛިކުރު ކުރެވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” ބިމުގައި ޝަހީދެއްގެ ލޭޖެހި ހިކުމުގެ ކުރިން، އޭނާގެ ދެއަނބީން އޭނާގެ ގާތަށް ދުވެފައި އަންނާނެއެވެ. އެއީ ކިރުމައި ޖަމަލެއް އޭތީގެ ގެއްލުނު ކުޑަދަރިފުޅު، ހުސް ހަނަފަސް ބިމަކުން ފެނިގެން އެއެއްޗާއި ދިމާލަށް ދުވެފައި އަންނަ ފަދައިންނެވެ. އަދި އޭގެތެރެއިން ކޮންމެ އަންހެނެއްގެ އަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮވެގެންވާ ހެދުމެއް އޮންނާނެއެވެ.” (އިބްނު އަބީ ޝައިބާ، އިބްނު މާޖާ)
(أوره المنذري رحمه الله بلفظ [عن] – الترغيب: 322/2 – وقال ابن النحاس الدميا طي رحمه الله: رواه ابن أبيي شيبة وابن ماجة وهو إسناد حسن – مشارع الأشواق إلى مصارع العشاق: 746/2)
މިއީ ޙޫރުންގެ ހިތުގައި އެމީހުންގެ ޝަހީދުވީ ފިރިންނަށް އޮންނަ ލޯތްބާއި ޝަޢުޤުވެރިކަން ހާމަވާ މިޘާލެކެވެ. އެއީ، ކިރުމައި ޖަމަލެއް، އޭތީގެ ގެއްލިގެން އުޅުނު ޅަޖަމަލު ފެނުމުންވާގޮތަށެވެ. އެހެންމާނައަކީ، ޙޫރުންގެ ހިތުގައި އެމީހުންގެ ފިރީންނަށް އޮންނަ ލޯތްބާއި އޯގާތެރިކަމާއި ރަޙުމުދޭހާވާ ކަމެވެ. އެއީ މައި ޖަމަލު އޭތީގެ ކުޑައެތި ހަނަފަސް ބިމެއްގައި، ހިޔަލެއްނުވާ ބިމެއްގައި އަވިން ސަލާމަތްކުރުމަށް އަންނަ ފަދައިންނެވެ.
[ނިމުނީ]
މިނޫނަސް “ޙޫރުލްޢީނުންގެ މި މައުޟޫޢުގައި ދެއްކޭނެ ގިނަގުނަވެގެންވާ ވާހަކަތައް ހުންނާނެއެވެ. މި ލިޔުންތަކުގެ އެންމެ މައިގަނޑު ބޭނުން “ޙޫރުލްޢީނުން” ނަކީ ކޮބައިކަމާއި ޙޫރުލް ޢީނުން ލިބޭނީ ކިހިނެތްކަމާއި އަދި މިނޫނަސް ޙޫރުލްޢީނުންނާއި ބެހޭގޮތުން ކޮންމެހެންވެސް އެނގެންޖެހޭ މަޢުލޫމާތުތައް ތިޔަ އަޚުންނާއި އުޚުތުންނަށް ފޯރުކޮށްދިނުމެވެ. އެފަދަ ފައިދާހުރި މަޢުލޫމާތުތަކެއް މިހާރު ގެނެސްދެވިއްޖެކަމަށް އުންމީދުކުރަމުން މިހާ ހިސާބުން މި ލިޔުން ކުރުކޮށްލަން ޤަސްތުކުރަމެވެ.
ދުޢާއަކީ، ﷲ ތަޢާލާ އަޅަމެންނަކީ ސުވަރުގެވަންތަވެރިންކަމުގައި ލައްވަވާ މަތިވެރިވެގެންވާ ޙޫރުން އަޅަމެންނަށް ލިބޭނޭގޮތް މިންވަރުކޮށްދެއްވުމެވެ.
ރިފަރެންސް: ޢަބްދުﷲ ނަނާ ލިޔުއްވާފައިވާ “ޙޫރުލްޢީނުން” ފޮތް