ޙޫރުލްޢީނުން (ނަވާރަވަނަބައި) – ޝަހީދުންނަށް ލިބޭ ޖަންނަތުގެ ޙޫރުންގެ ނިޢުމަތް
” އަލް މިޤްދާދު ބިން މަޢްދީކަރިބް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ‘ ﷲ ތަޢާލާގެ ޙަޟްރަތުން ޝަހީދަކަށް ހަ ނިޢުމަތެއް ވެއެވެ. އޭނާގެ ގައިން ފުރަތަމަ އޮހޮރިގެންދާ ލޭފޮދާއެކު، އޭނާގެ ފާފަތައް ފޮހެވި، ޖަންނަތުގައި އޭނާގެ މަޤާމު ފެންނާނެއެވެ. އަދި އޭނާއަށް ކަށްވަޅުގެ ޢަޛާބުން ރައްކާތެރިކަން ލިބޭނެއެވެ. އަދި އޭނާއަށް ބޮޑުވެގެންވާ ބިރުވެރިކަމުން (ޤިޔާމަތްވުމުން) އަމާންކަން ލިބޭނެއެވެ. އަދި ޝަރަފާއި ޢިއްޒަތުގެ ތާޖެއް އޭނާގެ ބޮލުގައި އެޅުވޭނެއެވެ. އެތާޖުގައިވާ އެންމެ ޔާޤޫތެއްވެސް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮވެގެންވެއެވެ. އަދި އޭނާ ޙޫރުލްޢީނުންގެ ތެރެއިން ހަތްދިހަދެ (72) މީހުންނާއި ކައިވެނި ކުރުވޭނެއެވެ. އަދި އޭނާގެ ގާތްތިމާގެ މީހުންގެ ތެރެއިން (70) މީހުންނަށް ޝަފާޢަތްތެރިވެވޭނެއެވެ.” (ތިރްމިޛީ) އެހެން ރިވާޔަތެއްގައި ހަތްވަނަ ނިޢުމަތެއްވެސް ވެއެވެ. އެއީ، އަދި އޭނާ އީމާންކަމުގެ ފޭރާން ލެއްވޭނެއެވެ.” (އަޙްމަދު، ޠަބަރާނީ)
(رواه الترمذي وقال رحمه الله: هذا حديث حسن صحيح غريب – الترمذي: 187/4 – ورواه أحمد والطبراني بمعناه إلا أنهما زاد خصلة سابعة: ” ويحلي حلة الإيمان ” وقال المنذري رحمه الله: إسناده حسن – الترغيب: 320/2 – وقال الدميا طي رحمه الله: إسناده حسن – المتجر:512 – وقال الهيثمي رحمه الله: رجال أحمد والطبراني ثقات – المجمع: 293/5 – وقال الحافظ ابن حجر رحمه الله: رواه أحمد والطبراني وإسناده حسن – فتح الباري: 16/6)
(ނުނިމޭ)


