ޙޫރުލްޢީނުން (ހަތްވަނަބައި) – ޖަންނަތުގެ އަންހެނުންގެ ތާޖުތަކުގެ ރީތިކަން
އަބޫ ސަޢީދުލް ޚުދުރިއްޔު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” ޖަންނަތުގައި މީހަކު އެހެންތަނަކަށް ހަރަކާތްކުރުމުގެ ކުރީން، އޭނާ ހަތްދިހަ އަހަރު އަރާމު ކުރުމުގައި (އެހެން ރިވާޔަތެއްގައިވާ ގޮތުން) ހަތްދިހަ އަހަރު އެނދުދާންމަތީގައި އަރާމުކުރާނެއެވެ. ދެން އޭނާގެ ކައިރިއަށް އަންހެނަކު އަންނާނެއެވެ. ދެން އެއަންހެނާގެ ލޯގަނޑެއްހާ އޮމާން ސާފު ކޯތާފަތުން، އޭނާގެ މޫނު އޭނާއަށް ފެންނާނެއެވެ. އެއަންހެނާގެ ގައިގައިވާ އެންމެ ކުޑަ މުތްވެސް، އޭގެ އަލިކަމުގެ ސަބަބުން، މަޝްރިޤާއި މަޣްރިބާއި ފުރާލާނެއެވެ. އެއަންހެނާ އޭނާއާއި ސަލާމްކޮށްލާނެއެވެ. އަދި އޭނާ އެއަންހެނާއަށް ސަލާމުގެ ޖަވާބު ދޭނެއެވެ. އަދި އެއަންހެނާގެ ގާތުގައި އަހާނެއެވެ. ” ތިބާއީ ކާކު ހެއްޔެވެ؟” އެއަންހެނާ ޖަވާބުގައި ބުނާނެއެވެ. ” އަހަރެންނަކީ، ‘އަލްމަޒީދު” ގެ ތެރެއިންވާ މީހެކެވެ.” މިއީ ޤުރްއާނުގައި ” وَلَدَيْنَا مَزِيدٌ ” މާނައީ، އަދި ތިމަން އިލާހުގެ ޙަޟްރަތުގައި (ޖަންނަތުގެ އަހުލުވެރިންނަށްޓަކައި) އިތުރަށްވެސް ވެއެވެ. (ޤާފް ސޫރަތުގެ 35 ވަނަ އާޔަތް) އަދި އެއަންހެނާގެ ގައިގައި (އެކިކުލައިގެ އެކިވައްތަރުގެ) ހަތްދިހަ ހެދުން ލެވިގެންވެއެވެ. އެންމެ ރީތި ހެދުންވަނީ، ޖަންނަތުގެ ގަހަކުންވާ ރަތްކުލައިގެ ފޭރާމަކުންނެވެ. އަދި އެއަންހެނާގެ ކަށިމަތީގެ ހުދުކަން، އެއިގެ ތެރެއިން އޭނާއަށް ފެންނާނެއެވެ. އަދި އެއަންހެނާގެ ބޮލުގައި ތާޖުތައްވެއެވެ. އޭގައިވާ އެންމެ ކުޑަ މުތެއްވެސް މަޝްރިޤާއި މަޣްރިބާއި ދޭތެރޭ އަލިކަމުން ފުރާލާނެއެވެ.” [رواه أحمد وأبوويعلى وصححه ابن حبّان رحمه الله – الإحسان: 9/245 – وقال العراقي رحمه الله: إسناده حسن – إتحاف السادة المتقين: 10/543 – وقال الهيثمي رحمه الله: إسناد أحمدها حسن – المجمع: 10/419]
އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” ޖަންނަތުގެ އަހުލުވެރީންގެ ތެރެއިން އަންހެނެއް ދުނިޔެއަށް ބަލާލައިފި ކަމުގައިވާނަމަ، އުޑާއި ބިމާއި ދެމެދު، އެއަންހެނާގެ (ހަށިގަނޑުން ދުވާ މިރު) ވަހުން ފުރިގެން ދާނެއެވެ. އަދި އެއަންހެނާގެ ބޮލުގައިވާ ތާޖު ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ހެޔޮވެގެންވެއެވެ.
[رواه الطبراني وقال اللمنذري رحمه الله: إسناد جيّد – الترغيب: 532/4 – وقال الهيثمي رحمه الله: إسناد جيّد – المجمع: 418/10]
(ނުނިމޭ)

