ދީން

އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (ހަތްވަނަބައި)

މުޞީބާތްތަކާއި އިމްތިޙާނުތަކުގައިވާ ބައެއް “މުހިންމު” ފައިދާތަކުގެ ތެރެއިން:-

  • މުޞީބާތްތަކާއި ދަތި އުނދަގޫތައް ފާފަތަކާއި، ފަޚުރުވެރިކަމާއި، ބޮޑާކަމާއި، ކިބުރުވެރިކަމުން ރައްކާތެރިކޮށްދިނުން

ނަމްރޫދަކީ ބަލި، ފަޤީރު، ލޯ އަނދިރި، ބީރު މީހެއްކަމުގައިވީނަމަ، އިބްރާހީމްގެފާނުގެ ރައްބު އިންކާރުކޮށް ޖަދަލު ނުރީހެވެ. އެހެނެއްކަމަކު، އޭނާ އެފަދައިން ކަންތައް ކުރީ އޭނާގެ ވެރިކަމާއި، ކިބުރުވެރިކަމުގެ ސަބަބުންނެވެ.

ﷲ ތަޢާލާ މިކަމުގެ ޙަޤީޤަތް ބަޔާންކުރައްވާ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 258 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ اللَّه، މާނައީ “އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟”

އަދި ހަމައެގޮތަށް ފިރުޢައުނުވެސް އެފަދައިންވީނަމަ އޭނާއަކީ ރައްބެއްކަމަށް ދަޢުވާ ނުކުރީހެވެ. ﷲ ތަޢާލާ ނާޒިޢާތު ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ‎﴿٢٤﴾ މާނައީ ” ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.”

އެހެންކަމުން މުޞީބާތްތަކާއި އިމްތިޙާނުތައް އިންސާނާ އޭނާގެ ރައްބާއި ކުއްތަން ކުރުވައެވެ. އަދި ނިޢުމަތްތަކާއި ޢާފިޔަތް އިންސާނާ އޭނާގެ ރައްބުގެ ކިބައިން ޣާފިލުކޮށް ދުރުކުރުވައެވެ.

އަދިވެސް ﷲ ތަޢާލާ ޔޫނުސް ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَإِذَا مَسَّ الْإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَىٰ ضُرٍّ مَّسَّهُ ۚ މާނައީ ” އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. “

މީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ ނިޢުމަތްތައް ނުދެއްވާ، އޭނާގެ މައްޗަށް މުޞީބާތްތަކާއި އިމްތިހާނުތައް ގިނަކުރައްވައިފިނަމަ، ދަންނައެވެ. އޭނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިފައިވާ މީހެކެވެ. އަދި އޭނާ އެހުރީ، ނަބީބޭކަލުންނާއި، ވަލީވެރިންނާއި، ޞާލިޙުންގެ މަގުގައެވެ.

  • ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިންވަރުފުޅަށް ރުހުމުގެ ސަބަބުން އެކަލާނގެ ރުހިވޮޑިގަތުން ލިބުން

މުޞީބާތްތަކާއި އިމްތިޙާނުތައް ޞާލިޙުންނާއި ފާޖިރުންނަށްވެސް ކުރިމަތިވެއެވެ. އެކަންތައްތަކާއިމެދު ރުޅިއައިސް ނުރުހޭ މީހާއަށް ހުރީ ﷲ ތަޢާލާގެ ކޯފާއާއި ދެދުނިޔޭގެ ހަލާކެވެ. އަދި މުޞީބާތްތަކާއި އިމްތިޙާނުތަކަށް ރުހި، ދަރުމައާއި ޘަވާބަށް އެދޭ މީހާއަށް ހުރީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ފަހެ، އެކަލާނގެ ރުހިވޮޑިގަތުން ލިބުމަކީ، ސުވަރުގެއާއި، އެތަނުގައި ވާހާ އެއްޗަކަށްވުރެ މަތިވެރިވެގެންވާ ނިޢުމަތެކެވެ.

ﷲ ތަޢާލާ ސޫރަތުއް ތައުބާގެ 72 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.  وَرِضْوَانٌ مِّنَ اللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ‎﴿٧٢﴾‏ މާނައީ ” އަދި اللَّه ގެ حضرة ން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ.”

އެކަލާނގެ ރުހިވޮޑިގަތުން ޢަދްނޭ ކިޔުނު ސުވަރުގެއާއި އެތަނުގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑެވެ.

ޔާ ﷲ! އަޅަމެންނަށް ހެޔޮޢަމަލުތައް ކުރުމުގެ ހެޔޮތައުފީޤު ދެއްވަވާ ބަލާއާއި މުޞީބާތްތަކާއި އިމްތިޙާނުތަކުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންނަށް ބަލާއާއި މުޞީބާތެއް ނުވަތަ އިމްތިޙާނެއް އިބަ އިލާހު ކުރިމަތި ކުރައްވައިފިނަމަ، އެކަމަށް ކެތްތެރިވުމުގެ ހެޔޮތައުފީޤު ދެއްވަވާ، ޖެހޭ މުޞީބާތުންނާއި އިމްތިޙާނުންނާއި ބަލާއިން ވަރަށް އަވަހަށް މިންޖުކޮށްދެއްވަވާނދޭވެ! އާމީން

(ނިމުނީ)

[ރިފަރެންސް: އައްސައިޚް ޢިއްޒު ބިން ޢަބްދުއްސަލާމް އައްސުލަމީ ރަޙިމަހުﷲ ލިޔުއްވާފައިވާ މުޞީބާތްތަކާއި އިމްތިޙާނުތަކުގެ 17 ފައިދާގެ ދިވެހި ތަރުޖަމާ)

މި ލިޔުމުގެ އެހެންބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close