ޙަޤީޤީ ޙާދިސާ: ﷲގެ ރަސޫލާގެ ޚަބަރަކީ ކޮބައިތޯއެވެ؟
އުޙުދު ހަނގުރާމައަށްފަހު މުސްލިމްގެ ލަޝްކަރު މާދީނާއަށް އެނބުރި އައި ވަޤުތެވެ. މަދީނާގެ އަހުލުވެރިން ތިބީ ރަށްބޭރަށް ނުކުމެއެވެ. ލަޝްކަރުގެ އިންތިޒާރުގައެވެ. މިދެންނެވި މަދީނާގެ އަހުލުވެރިންގެ ތެރޭގައި އިންތިޒާރުގައި ހުރި އަންހެން ޞަޙާބިއްޔާއެއް ހުންނެވިއެވެ. އެކަމަނާގެ ބައްޕާފުޅާ ފިރިކަލުންނާއި އަދި އަޚެއް ލަޝްކަރައިގެން ހަނގުރާމައަށް ވަޑައިގެންނެވިއެވެ.
ލަޝްކަރުގެ ތެރެއިން އައި ބޭކަލުންތަކެއް މިއަންހެން ޞަޙާބިއްޔާއަށް ގޮވާލައްވައިފިއެވެ. އޭ އުންމު ފުލާނެވެ. ކަމަނާގެ ބަފައިކަލުން މިހަނގުރާމައިގައި ޝަހީދުވެއްޖެއެވެ. ޖަވާބުގައި މި ޞަޙާބިއްޔާ ދެންނެވިއެވެ. ﷲގެ ރަސޫލާގެ ޚަބަރަކީ ކޮބައިތޯއެވެ؟ ދެންނެވުނެވެ. އެކަލޭގެފާނުގެ ހުންނެވީ ހެޔޮ ޙާލުކޮޅުގައެވެ. މިޞަޙާބިއްޔާ ދެންނެވިއެވެ. ތިމަންގެ ލޮލަށް އެކަލޭގެފާނު ފެނިއްޖައުމަށް ދާންދެން ހިތަށް ހަމަޖެހުމެއް ނުލިބޭއެވެ.
އަނެއްކާވެސް އެކަމަނާއަށް ޚަބަރުދެވުނެވެ. ކަމަނާގެ ފިރިކަލުން މިހަނގުރާމައިގައި ޝަހީދުވެއްޖެއެވެ. ހަމައެޚަބަރު ދެވުމާއެކު އެކަމަނާ ދަންނަވައިފިއެވެ. ﷲގެ ރަސޫލާގެ ޚަބަރަކީ ކޮބައިތޯއެވެ؟ ދެންނެވުނެވެ. އެކަލޭގެފާނުގެ ހުންނެވީ ހެޔޮ ޙާލުކޮޅުގައެވެ. މިޞަޙާބިއްޔާ ދެންނެވިއެވެ. ތިމަންގެ ލޮލަށް އެކަލޭގެފާނު ފެނިއްޖައުމަށް ދާންދެން ހިތަށް ހަމަޖެހުމެއް ނުލިބޭއެވެ.
އަނެއްކާވެސް އެކަމަނާއަށް ޚަބަރުދެވުނެވެ. ކަމަނާގެ އަޚާ މިހަނގުރާމައިގައި ޝަހީދުވެއްޖެއެވެ. ހަމައެޚަބަރު ދެވުމާއެކު އެކަމަނާ ދަންނަވައިފިއެވެ. ﷲގެ ރަސޫލާގެ ޚަބަރަކީ ކޮބައިތޯއެވެ؟ ދެންނެވުނެވެ. އެކަލޭގެފާނުގެ ހުންނެވީ ހެޔޮ ޙާލުކޮޅުގައެވެ. މިޞަޙާބިއްޔާ ދެންނެވިއެވެ. ތިމަންގެ ލޮލަށް އެކަލޭގެފާނު ފެނިއްޖައުމަށް ދާންދެން ހިތަށް ހަމަޖެހުމެއް ނުލިބޭއެވެ.
އެކަމަނާއަށް ރަސޫލާ ﷺ ސަލާމަތުން ހުންނެވިތަން ފެނުމާއެކު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ގަދަވެ ސަލާމަތުން ހުރެއްޖެނަމަ ދެންޖެހޭ ކޮންމެ މުޞީބާތެއްވެސް ތަޙައްމަލު ކުރެވިދާނެއެވެ!
📚 أخرجه الطبري في “تاريخه”، وابن المنذر في “تفسيره”، والبيهقي في “دلائل النبوة”


