ދީން

ފައިސާއަކީ ހިތްހަމަޖެހުންބާ؟

ލިޔުނީ: އިބްރާހީމް ވިޝާލް / ވިޒިޓް

    އިންސާނުން ޤަބޫލުކުރާ ޤަބޫލުކުރުމެކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ގުޅިފައިވަނީ ފައިސާޔާއެވެ. މުދަލާއެވެ. މި ޤަބޫލުކުރުމުގެމަތިން އިންސާނާގެ ހަޔާތުގެ ބޮޑުބައެއް ހޭދަ ކޮއްލަނީ ފައިސާގެ ދަހިވެތިކަމުގައެވެ. މުޖުތަމަޢުއަށް ކިތަންމެ މުހިންމު ކަމެއް ކޮއްދިނަސް ހިތުގެ އެންމެ އަޑީގައި އޮންނަނީ ހަމަ ފައިސާއެވެ. މި ފައިސާ ހޯދުމުގެ މަޤުސަދަކީ އުފާވެރި ދިރިއުޅުމެއް އުޅުމައްކަމަށް ބައެއްމީހުން ބުނެއުޅެއެވެ. އެހެންކަމުން ފައިސާޔާއި މުދަލުން ހިތްހަމަޖެހުން ލިބޭތޯ ސުވާލު ކޮއްލަން ޖެހެއެވެ. ވިސްނާ ފިކުރުކޮއްލަން ޖެހެއެވެ.

    ކޮންމެއަކަސް ބުއްދި ހަމަޖެހޭ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ގޮތުގައި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ބާނީއަކީ ފައިސާއެއް ނޫނެވެ. މިޔާއި ޚިލާފަށް ފައިސާއަކީ ގިނަ ފަހަރަށް ތިމާ ހަލާކުގެ މަގަށް އެއްލާލުމަށް މަސައްކަތްކުރާ ލީޑަރެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މީހެއްގެ ސިކުނޑީގައި ފައިސާ ދައުރުވާނަމަ އޭގެ ފަހަތުން ކޮންމެވެސް ޙަސަދަވެރިކަމެއް އަންނާނެއެވެ. މީހާ ހޫނުކޮއްލާނީ ނަފްރަތާއި ފަސާދައިގެ ހުޅުގަނޑުންނެވެ. އަދި މީހާ ގައިގާ އެހޫނު ހިފަހައްޓާނީ ދަހިވެތިކަމެވެ. އެހެންކަމުން، ލޭ ފަދައިން ފައިސާ ދައުރުވާ ދިރިއުޅުމެއްގައި ހިތްހަމަޖެހުމާ އުފާވެރިކަން އަންނާނީ ކިހިނަކުންތޯ؟

    ފެންނަ ފެނުމުގައި ފައިސާވެރިން އުޅޭ ތަންތަނުގައި އަގު ބޮޑު އެތައް ތަކެއްޗެއް ފުނި ޖެހިފައި ހުރެއެވެ. މިހެންވެ މީހުން ހީކުރަނީ ފައިސާވެރިންނަކީ ޢާންމު އިންސާނުންނަށްވުރެ މަތީ ފެންވަރެއްގައި އުޅޭބައެއް ކަމަށެވެ. މީގެ އިތުރުން އުފާވެރި ދިރިއުޅުމެއް އުޅޭ ބައެކެވެ. ނަމަވެސް ފައިސާވެރިންނަކީ އެތައް ހާސްކަމަކާ އެއްފަހަރާއި ވިސްނަންޖެހޭ ބައެކެވެ. އެ މުދާތައް ރައްކާކުރާނެ ތަނަކާއި، ގޮތެކެވެ. އެ މަދުވިޔަ ނުދޭނެ ގޮތެކެވެ. ވަގުންގެ ކިބައިން އެ ރައްކާކުރާނެ ގޮތެކެވެ. އިހަށްވުރެ އެ އިތުރު ކުރާނެ ގޮތެކެވެ. މިފަދަ އެތައް ވިސްނުންތަކަކާއި އެކު މީހާ އޮޔާލުމުން ދެން އޮންނާނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

    މީހަކަށް ކިތަންމެ ގިނަ ފައިސާތަކެއް ލިބުނުކަމުގައި ވިޔަސް، އެ ފައިސާއަކީ އޭގައި އެތައް ބައެއްގެ ޙައްޤުތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ވީއިރު އެޙައްޤުތައް އަދާ ނުކުރެވިއްޖެނަމަ ދެންވާނީ ކިހިނެއްތޯއެވެ؟ ފައިސާގެ ދަހިވެތިކަމާއި ދުނިޔޭގެ އެދުންވެރިކަން ބޮޑުވީހެން އޭނާގެ ކިބައިން އިންސާނިއްޔަތުކަމުގެ ކުލުނާއި އިޙުސާންތެރިކަމުގެ ސިފަ ބީވަނީއެވެ. ދެން އެފަދަ މީހަކަށް އޮންނާނީ ކޮން އުފާފާގަތި ކަމެއް ހެއްޔެވެ؟ އެހެންކަމުން ފައިސާގެ ސަބަބުން ހިތްހަމަޖެހުމެއް ލިބޭކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ.

    ޙަޤީޤީ އުފާވެރިކަން ލިބޭނީ ﷲ އާއި އެމީހަކާއި ދެމެދު އޮންނަ ގުޅުމެއްގެ ސަބަބުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި މެދު ތިމާގެ ހިތުގައި އުފެދޭ ޔަޤީންކަމަކާއި އިތުބާރެއްގެ ސަބަބުންނެވެ. ވީމާ މި ބޮޑު ކުންހީގެ ޝިކާރައަކަށް ނުވެ ދުނިޔޭގެ ހަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަތުމަކީ ބުއްދިވެރި ގޮތެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ

އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟  ( ސޫރަތުއް ރަޢުދުގެ 28 ވަނަ އާޔަތް )

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close