މާޔޫސްވާ ހިތްތަކަށް ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން ފަރުވާ

އިންސާނާގެ ޙަޔާތަކީ އިމްތިޙާނުތަކުން ފުރިގެންވާ ދަތުރެކެވެ. މި ދަތުރުގައި ތަފާތު އެކި ނަފްސާނީ އަދި ރޫޙާނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި މާޔޫސްކަމާއި ހާސްކަމުން ހިތްތައް ސަލާމަތްކޮށްދޭނެ އެންމެ ވަރުގަދަ އައްޑަނައަކީ ކީރިތި ޤުރްއާނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިންސާނާއަށް ކުރިމަތިވާ ކޮންމެ އުނދަގޫ ޙާލަތަކަށް ކީރިތި ޤުރްއާނުގައި ފަރުވާ ލައްވާފައެވެ.
ކަމަކާ ހާސްވުމާއި އޭގެ ފަރުވާދިރިއުޅުމުގެ ކަންކަން ރޭވުމުގައި ނުވަތަ މީހަކު ތިމާއަށް ދެރައެއް ދީފާނެތީ ހާސްވުމަކީ އިންސާނީ ތަބީޢަތުގައި ހިމެނޭ ކަމެކެވެ. ނަމަވެސް، މިފަދަ ހާސްކަމުގެ ވަގުތު ސޫރަތުލް އަންފާލުގެ 30 ވަނަ އާޔަތުން ލިބޭ ފަރުވާއަކީ، އެންމެ މޮޅަށް ރާއްވަވާ ފަރާތަކީ ﷲ ކަން ދެނެގަތުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ ﴿٣٠﴾ މާނައީ: ” كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.” އެހެންކަމުން، މީސްތަކުންގެ ރޭވުންތަކަށްވުރެ ﷲގެ ރޭވުންތެރިކަން މާ މޮޅުކަން ދަނެ، އެކަލާނގެއަށް ވަކީލުކުރުމަކީ ހާސްކަމަށް އޮތް ފަރުވާއެވެ.
އީމާންކަން ދަށްވުމާއި އޭގެ ފަރުވާއީމާންކަން ބަލިކަށިވެ، ހިތަށް ނުތަނަވަސްކަން ވަންނަ ހިނދު، އެކަމުގެ ފަރުވާއަކީ ﷲ ހަނދުމަކުރުމެވެ. ސޫރަތުއް ރަޢުދުގެ 28 ވަނަ އާޔަތުގައިވެއެވެ: ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ﴿٢٨﴾ މާނައީ: ” އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ ” ހިތުގެ ހަމަޖެހުމާއި އީމާންކަން ވަރުގަދަވުން ވަނީ ޒިކުރުކުރުމާއި ދުޢާކުރުމުގެ މަތީގައި ދެމިހުރެގެންނެވެ.
ފިކުރުބޮޑުވުމާއި ހިތާމަކުރުމުގެ ފަރުވާމުސްތަޤްބަލާ މެދު ފިކުރުބޮޑުވުމާއި، މާޒީގައި ވީކަންކަމާ މެދު ހިތާމަކުރުމަކީ އިންސާނާ ނިކަމެތިކޮށްލާ ކަމެކެވެ. ސޫރަތު އާލްޢިމްރާނުގެ 139 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ ﴿١٣٩﴾ މާނައީ: ” ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ.” މި އާޔަތުން އެނގެނީ އީމާންކަންމަތީ ސާބިތުވެ ހުރި މީހަކީ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު މީހެއް ކަމެވެ.
ކަންބޮޑުވުމާއި އޭގެ ފަރުވާދިރިއުޅުމުގެ ތަކުލީފުތަކުން ކަންބޮޑުވެ، ގޮތް ހުސްވާ ހިނދު، ކެތްތެރިކަމާއި ނަމާދުގެ އެހީ ހޯދުމަށް ސޫރަތުލް ބަޤަރާގެ 45 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ: وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ﴿٤٥﴾ މާނައީ: ” އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)” މިއީ ނަފްސަށް ހަމަޖެހުން ގެނެސްދޭނެ އެންމެ ވަރުގަދަ ދެ ވަސީލަތެވެ.
ފާފައެއް ކުރެވުމުން މާޔޫސްވުމުގެ ފަރުވާ އިންސާނަކަށްވީތީ ފާފައެއް ކުރެވުމުން، ﷲގެ ރަޙްމަތުން އުއްމީދު ކަނޑާލުމަކީ ޝައިޠާނާގެ މަގަކެވެ. އެކަމުގެ ފަރުވާ ސޫރަތުއް ޒުމަރުގެ 53 ވަނަ އާޔަތުގައި ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ: ۞ قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٥٣﴾ މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ….”
ނުރައްކަލާއި ނިކަމެތިކަން އިޙްސާސްވުންތިމާގެ ނަފްސަށް ނުރައްކަލެއް އަތުވެދާނެކަމުގެ ބިރުވެރިކަން އިޙްސާސްވާ ހިނދު، ސޫރަތު އާލްޢިމްރާނުގެ 54 ވަނަ އާޔަތް ހަނދުމަކުރާށެވެ. ﷲ އީ އެންމެ މޮޅަށް ރައްކާތެރިކަން ދެއްވާ ފަރާތެވެ. ހަމައެހެންމެ، އިންސާނާއަކީ ތަބީޢީގޮތުން ނިކަމެތި މަޚްލޫޤެއްކަން ސޫރަތުއް ނިސާގެ 28 ވަނަ އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ: يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَٰنُ ضَعِيفًا ﴿٢٨﴾ މާނައީ: ” اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.” މި ނިކަމެތިކަމުން އަރައިގަނެވޭނީ ﷲގެ އެހީތެރިކަމަށް އެދިގެންނެވެ.
އެކަނިވެރިކަން އިޙްސާސްވުމުގެ ފަރުވާދުނިޔެމަތީގައި އެކަނިވެރިވެ، އެހީތެރިވާނެ މީހަކު ނެތްކަމުގެ އިޙްސާސް ކުރެވޭ ހިނދު، ސޫރަތު ޠާހާގެ 46 ވަނަ އާޔަތުގައިވާ ﷲގެ ވަޙީބަސްފުޅު ހަނދުމަކުރާށެވެ: قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ ﴿٤٦﴾ މާނައީ: ” އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.” މުއުމިނަކު ކޮންމެ ތަނެއްގައި ހުއްޓަސް ﷲ އެކަލާނގެއާއެކު ވޮޑިގެންވެއެވެ.
ނިންމާލަމުން ދަންނަވާނީ، ހިތްތަކަށް ލިބޭ ކޮންމެ ނުތަނަވަސްކަމަކަށް އޮތް އެންމެ ބޮޑު ފަރުވާއަކީ ﷲގެ ފޮތާ ގާތްވުމެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނަ ދަނެ، އެއާ މެދު ފިކުރުކުރުމަކީ މާޔޫސްވާ ހިތްތަކަށް ދިރުން ލިބިގެންދާނެ ކަމެކެވެ.

