ޝަޢުބާންމަސް – ޤުރްއާން ކިޔެވުންވެސް އިތުރުކުރަންވީ މަހެއް.

ޝަޢުބާންމަސް މި އަންނަނީ މާތްވެގެންވާ ދެމަހެއްގެ މެދަށެވެ. އެއީ ޙުރުމަތްތެރި މައްސަރުތަކުގެ ތެރެއިން ރަޖަބުމަހާއި ރަމަޟާންމަހާއި ދެމެދަށެވެ. ޝަޢުބާންމަސް ޚާއްސަވެފައިވާ ސުންނަތް ރޯދަ ހިފުން އިތުރު ކުރަންޖެހޭ މައްސަރެއްގެ ގޮތުގައެވެ. އެއީ، ޖެހިގެން އޮތީ ރަމަޟާންމަސް ކަމަށްވާތީވެ، ރަމަޟާންމަހަށް މީހާގެ ނަފްސު ރޯދައަށްޓަކައި ހޭނުވުމުގެ ގޮތުންނެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަމުގެ މަތިވެރި ނަމޫނާ މުޅި އުންމަތަށް ދައްކަވާފައެވެ.
ދުނިޔެވީ ގޮތަކުން ވިސްނާއިރުވެސް މިކަން މިގޮތަށް ތަރުތީބުވެއެވެ. އެހެނީ، މިސާލަކަށް ޖެހިގެން އޮތް މަހުގައި އޮތީ ފުޓްބޯޅަ މުބާރާތެއްކަމުގައިވާނަމަ، މިމަހުގައި އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފުޓުބޯޅަ ކުރުން އިތުރު ކުރާނެއެވެ. އިތުރު ހުނަރުތަކާއި ކަންކަން ދަސްކޮށް، ހުރިހާ ގޮތަކުންވެސް މުބާރާތަށް ފިޓް މީހަކަށްވާން މަސައްކަތް ކުރާނެއެވެ.
އެހެންކަމުން، ރަމަޟާންމަހަކީ، ރޯދަ ހިފުމުގެ މައްސަރުކަމަށްވާތީވެ، ޝަޢުބާންމަހުގައި ސުންނަތް ރޯދަ ހިފުން އިތުރުކުރުން މޮޅުއިތުރުވެގެން އެބަދެއެވެ.
ރޯދަ ހިފުމުގެ އިތުރުންވެސް، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީ ބޭކަލުން ކީރިތި ޤުރްއާން ކިޔެވުން އިތުރުކުރެއްވިކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. ޝަޢުބާންމަހަށް شَهْرُ القُرَّاءِ އެވެ ކިޔެނީ މި ސަބަބާ ހެދިކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. شَهْرُ القُرَّاءِ ނުވަތަ ޤުރުއާން ކިޔަވާ ވިދާޅުވާ ބޭކަލުންގެ މައްސަރެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުން އެއީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެބޭކަލުން ކުރައްވަވާ ކަމެކެވެ.
އަޅުގަނޑުމެންނަށް ވެސް އޮތީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މަތިވެރި ސުންނަތުގައި ހިފައި، މިމަހުގައި ވީހާވެސް ގިނައިން ރޯދަހިފުމާއި، އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ދެއްކެވި ނަމޫނާ، އާދެ! ކީރިތި ޤުރްއާން ކިޔެވުން އެހެން މަސްތަކަށްވުރެ އިތުރުކުރުމެވެ.


