ޚަބަރު

މާދަމާއިން ފެށިގެން ހޯމްކަރަންޓީނުވުމަށް ރަށްރަށަށް ދެވޭނީ ޕޯޓަލް މެދުވެރިކޮށް – އެޗްޕީއޭ

މާދަމާއިން ފެށިގެން ހޯމްކަނަރްޓީނުވުމަށް ރަށްރަށަށް ދެވޭނީ “ހާލުބެލުން” ޕޯޓަލް މެދުވެރިކޮށްކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އަތޮޅުތަކުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުގެދަށުން މާދަމާއިން ފެށިގެން ރަށްރަށަށް ދެވޭނީ އެޗްޕީއޭއިންދޭ ޚާއްޞާ ހުއްދައެއްގެ ދަށުންކަމަށެވެ. އެގޮތުން ރަށްރަށް ދާ މީހުންނަށް ޢަމަލުކުރަންވީގޮތް ބަޔާންކޮށް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ، ރަށްރަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް އެދެންޖެހޭނީ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރިވުމަށްފަހު އެޕޯޓަލްގެ ހޯމްކަރަންޓީންވުމަށް އެދޭބައި ފުރިހަމަކުރުމުންކަމަށެވެ. މާދަމާއިން ފެށިގެން ހޯމް ކަރަންޓީނަށް ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށްކަމަށްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

 

އޭގެތެރޭގައި ހިމެނެނީ، މެޑިކަލް އިމަޖެންސީއެއް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށާއި، ވަޒީފާގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއިި ގުޅިގެން އަދި ޝަރުޢީ ކޯޓަކަށް ޙާޒިރުވާނެޖެހޭ މީހުންނަށް އެކަނިކަމަށެވެ.

 

އެހެންކަމުން މިޝަރުޠުތައް ހަމަވާމީހުން، ހޯމްކަރަންޓީނަށް އެދުމަށްފަހު ކަމާގުޅުންހުރި ލިޔެކިއުންތައް ރަށުކައުންސިލަށް އީލެމެއިލް ކުރަންޖެހޭނެކަމަށްވެސް މިއުސޫލުގައިވެއެވެ. އަދި ކަރަންޓިންވާން އެދޭގެ ނުވަތަ ކޮޓަރި ބަލާ ޗެކުކުރުމަށްފަހު ހޯމްކަރަނޓީން ވުމާގުޅޭގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެންޖެހޭނެކަމަށްވެސް މިއުސޫލުގައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުން ފާސް، “ޕޯޓަލް” މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމްކަރަންޓީންވުމަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެމީހަކު ދަތުރުކުރުމަށް އެދިފައިވާ ތާރީޚަށް ކަރަންޓީނުގެ ލިޔުން އަދި ޢިމާރާތް، މޮނިޓަރިންގ ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑުކުރެވޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި އޭނާ ހުންނަ ޢިމާރާތަށް މޮނިޓަރިން ނޯޓިސް ލިބުންކަމަށްވެސް ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ޖެހޭ މީހުން އިތުރުވެ ދިވެހިން މިބައްޔަށް ޕޮޒިޓިވްވާ ޢަދަދު ރެކޯޑް ޢަދަދަކަށް މިހާރު އިތުރުވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ރައްކާތެެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، އޮގަސްޓު އެކަކުން ފެށިގެން 535 މީހުންނަށް ހޯމް ކަރަންޓީނަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެގޮތައް ހޯމް ކަރަންޓީން ވުމަށް ހުއްދަ ދީފައިވާ ބައެއް މީހުން، އެންމެ އެކަށޭނަގޮތެއްގައި ޤަވާއިދުތަކަށް އަމަލުނުކުރާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން އެފަދަ ބައެއް މީހުން ރަށަށް ދިއުމަށްފަހު ކަރަންޓީން ވުމުގެ ކުރިން ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރާކަން ފާހަގަކުރެވޭކަމަށް އެޗްޕީއޭއިން ވަނީ ވީދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close