ޚަބަރު

މި އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އައު ރެކޯޑެއް ގާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 200,801 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި އަދަދަށް ފަތުރުވެރިން ހަމަވި ފުރަތަމަ ފަހަރެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ (26,965 ފަތުރުވެރިން)، އިޓަލީ (21,137 ފަތުރުވެރިން) އަދި ޗައިނާ (18,531 ފަތުރުވެރިން) އިންނެވެ. މި މަހުގެ 11 ވަނަ ދުވަހަކީ 9,596 ފަތުރުވެރިންނާއެކު އެންމެ ގިނަ މީހުން އައި ދުވަހުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,171 ފަތުރުވެރިން ރާއްޖެއަށް އަންނަމުންދާކަން މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ކަމަށްވާ 68.8 އިންސައްތަ މީހުން ރިސޯޓުތަކުގައި މަޑުކުރާއިރު، 26.4 އިންސައްތަ މީހުން ޚިޔާރުކޮށްފައިވަނީ ގެސްޓްހައުސްތަކެވެ. ނިމިދިޔަ އަހަރަކީ 2.2 މިލިއަން ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close