ގދ.ވާދޫ ކައުންސިލް މެމްބަރަކު ޕީޕީއެމްއަށް ސޮއިކޮށްފި
އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބު ކާމިޔާބުކުރި ގދ.ވާދޫ ކައުންސިލް މެމްބަރަކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.
ވާދޫން ކައުންސިލަރަކު ޕީޕީއެމްއާއި ގުޅުމުން އޭނާވެފައިވަނީ ވާދޫ ކައުންސިލުގައި ޕީޕީއެމް ތަމްސީލް ކުރާނެ ހަމައެކަނި މެމްބަރަށެވެ. ވާދޫ ކައުސިލްގައި ދެން ހިމެނެނީ، ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރަކާއި، މިނިވަން މެމްބަރުންނެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އައްޑޫ ސިޓީއަށާއި، ގދ.އަތޮޅުގެ ދެރަށަށް ކުރާ ދަތުރުގައި، އައްޑު ސިޓީއާއި، ގދ.ގައްދޫ އިން ގިނަ ބަޔަކު ވަނީ އެޕާޓީއާއި ގުޅިފައެވެ.ގދ.ގައްދޫއަށް ކުރި ދަތުރުގައި ރޭވަނީ ޚާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ.
މިޖަލްސާގައި ޕީޕީއެމްގެ ނާއިބް ރައީސް އަދި ގުރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންއާއި، ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މުހައްމަދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އިތުރުން މުއާޒު މުހައްމަދު ރަޝީދުވެސް ވާހަކަ ދައްކަވާފައިވެއެވެ.
މިޖަލްސާގައިވެސް ޕީޕީއެމްއާއި އަލަށް ގުޅުނު މެމްބަރުން ވަނީ ސޮއިކޮށްފައެވެ. ދެދުވަސް މަތީން ގައްދޫގައި ހަރަކާތްތެރިވި ޕީޕީއެމް ޓީމުންވަނީ ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުންގެ ހުރި ކަންބޮޑުވުން އޮޅުންފިލުވާފައެވެ.
ޕީޕީއެމްގެ ޓީމުތަކުން އަތޮޅުތަކަށް ކުރަމުން ގެންދާ މިދަތުރުތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ނިންމާފައިވެއެވެ. މީގެއިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދުމަށްވެސް ނިންމާފައިވެއެވެ.
