ޚަބަރު

މަސައްކަތްތެރިންނަށް ޔަޤީންކަމެއް ރައީސް ދެއްވައިފި

މަސައްކަތްތެރިންގެ ދުވަހުގެ މުނާޞަބަތުގައި ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ރާއްޖޭގެ ރައީސުލް ޖުމުހޫރީއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ޔަޤީންކަމެއް ދެއްވައިފިއެވެ.

ރައީސް ދެއްވި ޔަޤީންކަމަކީ މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްޤުތައް ދިފާޢުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަމެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ މި ދަނޑިވަޅުގައި ހުރިހާ ޤައުމެއްގެ އިޤްތިޞާދަށްވެސް ބޮޑެތި ލޮޅުންތަކެއް އަރަމުންދާކަން ފާހަގަކުރައްވާފައެވެ. ދިވެހިރާއްޖެއަކީ އެހެން ޤައުމުތަކަށް ބަރޯސާވުން ބޮޑު ޤައުމެއްކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރު އެހެން ޤައުމުތަކަށްވުރެ ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ދަނޑިވަޅަކީ މަސައްކަތްތެރިންގެ ހައްޤުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްޤުތައް ދިފާޢުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަސައްކަތްތެރިންގެ ހައްޤުތައް ދިފާޢުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، މި މޭރުމުން ރާއްޖޭގެ ސަރުކާރުން ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަސް ވަންދެން ފަސް ހާސް ރުފިޔާ ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ވަގުތު އިޤްތިޞާދަށް ކުރާ އަސަރުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމައްޓަކައި ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ. މި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބުނު ރިޒޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދެވޭނެއެވެ. އަދި 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބުނު ވިޔަފާރިތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ފަރާތަކަށް ވެސް އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދެވޭނެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރާއި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

މީގެ އިތުރުން އިކޮނޮމިކް ރިލީފް ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ. ރިލީފް ފަންޑުގެ ގޮތުގައި ވިޔަފާރިތަކަށް ނުވަތަ ގޭގައި ތިބެގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް އެސްއެމްއީ ބެންކަށް 400 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ސަރުކާރުން މިހުރިހާ ފިޔަވަޅުތަކެއް އަޅުއްވައިފައިވާއިރުވެސް އިދިކޮޅުން ބުނަނީ މަސައްކަތްތެރިންނަށް މިއަށްވުރެ ބޮޑެތި ދޮގުތަކެއް ހަދާފައިވާ ސަރުކާރެއް ނާންނަކަމަށެވެ. އެގޮތުން އިދިކޮޅުން ފާހަގަކުރައްވާ އެންމެ މުހިންމު ނުކުތާއަކީ އަދި މިހާތަނަށް އައި އިރުވެސް މަސައްކަތްތެރިންގެ މިނިމަމް ވޭޖް ސަރުކާރުން ކަނޑައަޅާފައިވާ ނުވާކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close