ޚަބަރު

ކުރިން ހީނުކުރާވަރުގެ ބޮޑެތި ކާމިޔާބީތަކެއް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ހޯދަން ފަށާފައިވޭ – ނައިބްރައީސް

ކުރިން ހީނުކުރާވަރުގެ ބޮޑެތި ކާމިޔާބީތަކެއް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން މިސަރުކާރުގައި ހޯދަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މީގެ ކުރިން ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ވަކި ސަރަހައްދަކަށް ބަރޯސާވާންޖެހުން މިހާރު ބަދަލުވަމުން އަންނަކަމަށެވެ.

“ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޑެއްނީވޭ ރާއްޖޭގެ ރަށެއްގެ ނުވަތަ އަތޮޅު ހޮސްޕިޓަލަކުން އަދި ރީޖަނަލް ހޮސްޕިޓަލަކުންވެސް ބޮޑެތި ސަރޖަރީތަކާއި އޮޕަރޭޝަންތައް ކުރާވާހަކައެއް. އެއީ އަޅުގަނޑުމެންނަށް އަޑުއިވޭ ވާހަކަތަކެއް ނޫން. ނަމަވެސް 2 އަހަރު ވެގެންދާއިރު ރަނގަޅު ކަންތައްތަކެއް ކުރެވިފައި އެބަހުރި މީގެ ސަބަބުން ރައްޔިތުންނަށް އިތުބާރުލިބިގެން އެބަދޭ. އެއީ އިތުބާރުލިބޭ ފަދަ ކަންތައްތަކެއް ކުރެވެމުންދާތީ” ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ އުތުރުން ކުޅުދުއްފުށީގައި ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކުރެވިފައިވާ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ސަރުކާރުން ސިއްޙީދާއިރާ ކުރިއަރުވަން މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު އަންނަ އަހަރުގެ ބަޖެޓުގައިވެސް ސިއްޙީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއްކުރަން ނިންމާފައިވުމުގެ ސަބަބުން ހީނުކުރާފަދަ ފަސޭހަތަކެއް ކުރިއަށްއޮތްތަނުގައި ސިއްޙީ ދާއިރާއިން ލިބިގެންދާނެކަމަށެވެ. އޭގެ ސަަބަބުން ސިއްޙީ ފަރުވާއަށް މާލެއަށް އަންނަޖެހޭ އައުން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ކަންކަންވެސް ބައްލަވާ ނާއިބު ރައީސް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި މިކަމުގައި ރާއްޖޭގެ ވަކި ރަށެއް ނުވަތަ ސަރަހައްދެއް ތަފާތުކުރުމެއް ނެތި ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކޮށް ކުރިއެރުވުމަށް މަސައްކަތްކުރެވެމުންދާކަމަށެވެ. އަދި މިބަލިން ރައްކާތެރިވުމަށްޓަކައި ސިއްޙީ މާހިރުންގެ ލަފައާ އެއްގޮތަށް ހުރިހާ ރައްޔިތުން އަދިވެސް މަސައްކަތްކޮށް އެއްބާރުލުންދޭންޖެހޭކަން ހާމަކުރައްވައި ނާއިބު ރައީސް ފައިސަލް ނަސީމްވަނީ ބަލިފެތުރުން މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަނުކުރުމަށް ހުރިހާ އެންމެންނަށްވެސް އިލްތިމާސްކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close