ޚަބަރު

އައިއޯއައިޖީގައި ބައިވެރިވި ރާއްޖޭގެ ޓީމްތަކަށް ހޫނު މަރުޙަބާއެއް ކިޔައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓް ރާއްޖެ އައުމާއި ގުޅިގެން އެ ޓީމްތަކަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މުބާރާތް ބޭއްވި މޮރިޝަސް އިން ފުރައިގެން ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު 4:45 ހާއިރު ރާއްޖެ އައީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޖެއްސުމާއެކު ސަރުކާރުގެ އިސްވެރިންނާއި، ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ކުޅިވަރު ދާއިރާގެ ބޭފުޅުން ވަނީ ދިވެހި ކޮންޓިންޖެންޓަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

ދިވެހި ކޮންޓިންޖެންޓް ރާއްޖެ އައުމާ ގުޅިގެން އެއާޕޯޓްގެ އިތުރުން މާލޭގެ ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގައި ވެސް ދިވެހި އެތްލީޓުންނަށް ރަސްމީ މަރުހަބާ ކިޔުން އޮތެވެ.

ރާއްޖޭގެ ކޮންޓިންޖެންޓް މިފަހަރު އައިއޯއައިޖީއަށް ފުރީ 15 މެޑަލް ހޯދަން އަމާޒު ހިފައިގެންނެވެ. އެ އަމާޒު ދިވެހި ޓީމުތަކުން ހާސިލްކޮށްފައިވާއިރު މި މުބާރާތުގައި މިއަހަރު އެންމެ ގިނަ މެޑަލްތައް ހޯދީ ބެޑްމިންޓަން އާއި ޓީޓީ ޓީމުންނެވެ.

މޯލްޑިވިއަންގެ ފްލައިޓްގައި ތިބޭ ކުރޫ ޓީމު ބަލައި މޮރިޝަސްއަށް ދިޔައިރު ތިބީ ގައުމީ ޓީމުގެ ޖާޒީގަ އެވެ. އެގޮތުން ޓީޓީ ސިންގަލް އަދި ޑަބަލްގެ އިތުރުން ޓީޓީ ޓީމު އިވެންޓުން ހޯދި ތިން ރަން މެޑަލް އާއި ބެޑްމިންޓަން ސިންގަލްސްއިން ނަބީހާ ހޯދި ރަން މެޑަލް ވެސް ފާހަގަކޮށްލެވެ އެވެ.

މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ބައިވެރިވި ދިވެހި ކޮންޓިންޖެންޓްގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިއަހަރު ހުންނެވީ އެތްލެޓިކްސް އާއި ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަން މީގެކުރިން ކުރައްވާފައިވާ މައިޒާން އާދަމް މަނިކެވެ. އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަހަރު ދިވެހި އުފުލާލީ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރު އެވެ. އަދި މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލީ މިމުބާރާތުގައި ދިވެހިރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ.

މޮރިޝަސްގައި އައިއޯއައިޖީ ކުރިއަށް ދިޔައިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޔޫތު މިނިސްޓަރު މޮރިޝަސްގައި ކުޅިވަރުތައް ކުރިއަށް ދިޔަ ސަރަހައްދުތަކަށް ވަޑައިގެން ދިވެހި އެތްލީޓުންނަށް ހިތްވަރު ދިނުމުގައި އަމަލީގޮތުން ބައިވެެރިވެވަޑައިގެންފައިވެ އެވެ.

މޮރިޝަސްގައި ބޭއްވި 10 ވަނަ އައިއޯއައިޖީގައި ބައިވެެރިވި ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު ރާއްޖެ އައި އިރު 2023 ވަނަ އަހަރު މި މުބާރާތް ބޭއްވުމުގެ ޝަރަފް ދިވެހިރާއްޖެއަށް މިހާރު ވަނީ ލިބިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close